ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދަށް ހަތް ދުވަސް ކޯޓުން އިތުރުކޮށްފި އެވެ.
ފުލުހުން ބުނީ މުލިއާގެ ގޮއްވާލާނެ ކަމަށްބުނެ އިންޒާރުދިން މީހަކުގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ.
މުލިއާގެ ކައިރިން ދަމުން ބޮމެއް އެބައޮތް ކަމަށް ބުނުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދެ މީހަކު ގެނެސްފައިވެ އެވެ. ނަމަވެސް އެއިން އެކަކުވަނީ ދޫކޮށްލާފަ އެވެ.
ހުކުރު ދުވަހު ދެ މީހުން ހައްޔަރުކުރީ އެ މީހުން ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތް ކަމަށް ބުނުމުންނެވެ.
ދެ މީހުން ހައްޔަރުކޮށް އެ ސަރަހައްދުގައި އިއްޔެ ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކޮށްފަ އެވެ. އެހެން ނަމަވެސް އެމީހުން ދިން އިންޒާރަކީ އެއްވެސް އަސްލެއް ނެތްކަން އެނގުމުން އެސަރަހައްދުގައި ފޯރިމެރުން ވަނީ ހުއްޓާލާ، އާއްމު ހާލަތަށް ގެނެސްފަ އެވެ.
ފުލުހުން ވަނީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑއާ އާއި އަދިވެސް އެކި ގޮތްގޮތުންދޭ އިންޒާރުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.