ސޯއޯލް (11 ޖުލައި) - ބޭރުގެ އިސްތިއުމާރީ ބާރުތައް ހިފެހެއްޓުމަށް ޗައިނާ އާއެކު އޮތް ގުޅުން އުތުރު ކޮރެއާއަށް ވަރަށް މުހިއްމު ކަމަށް އެ ގައުމުގެ ރައީސް ކިމް ޖޮންގް އުން ވިދާޅުވެއްޖެ އެވެ.

ކިމް މިހެން ވިދާޅުވެފައި ވަނީ ޗައިނާ އާއި އުތުރު ކޮރެއާ އާ ދެމެދު ޑިޕްލޮމެޓިކް ގުޅުންތައް ގާއިމު ކުރެވުނުތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ފޮނުއްވެވި މެސެޖެއްގަ އެވެ.

މި މުނާސަބަތާ ގުޅިގެން ދެ ގައުމުގެ ރައީސުން ވެސް ވަނީ އެ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން ވަރުގަދަކޮށް އެކި ކަންކަމުގައި އެއް ގައުމު އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ވައުދުވެފަ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވީ ޗައިނާ އާއި އުތުރު ކޮރެއާގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އޭނާއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

ޗައިނާއަކީ ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭ އުތުރު ކޮރެއާއަށް ވާގިވެރިވާ ދުނިޔޭގެ ހަމައެކަނި ބޮޑު ބާރެވެ. އެ ދެ ގައުމުގެ ދެމެދުގައި 1961 ވަނަ އަހަރު ސޮއި ކުރެވުނު އެއްބަސްވުމާއެކު ބައިނަލްއަގުވާމީ މުޖުތަމައުން އުތުރު ކޮރެއާ އާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އެ ގައުމުން ވަނީ ޗައިނާގެ އެހީ އެކި ފަހަރުމަތިން ހޯދާފަ އެވެ.

"ގިނަ ގޮންޖެހުންތަކަކާ އެކު ވެސް އުތުރު ކޮރެއާ އާއި ޗައިނާ އާ ދެމެދު އޮތް ގުޅުން އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަވަމުން،" ކިމްގެ މެސެޖުގައިވެ އެވެ.

ކިމް އިތުރަށް ވިދާޅުވީ އޭޝިއާ ސަރަހައްދުގެ އަމާންކަމާއި ރައްކާތެރިކަން ދެމިއޮތީ އެ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަގުޅުމުގެ ސަބަބުން ކަމަށެވެ.

ޝީ ޖިންޕިން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ރޭވުންތަކެއް ރާވަމުން ދާ ކަމަށާއި އެކަން ކަމަށް އުތުރު ކޮރެއާގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބުނެފަ އެވެ. -- ރޮއިޓާސް