ސިޔާސީ ގޮތުން އިތުރަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއެކު ދެން ހުންނަވަން ބޭނުން ނުވާ ކަމަށާއި މިހާރު ބޭނުންވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަންކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގޫރޫޕަށް ފޮނުވި މެސެޖުތަކެއް މިހާރު ވަނީ ލީކުވެފަ އެވެ. ނަޝީދު އެ ގްރޫޕަށް ފޮނުވި މެސެޖުގައި ވިދާޅުވޯ، "ދުވަހަކު ވެރިކަން ނުހޯދުނަސް މި ވެރިންނާއެކު އުޅެން ބޭނުން ނުވާ" ކަމަށެވެ.
އެމަނިކުފާނު އެދިވަޑައިގަންނަވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުގެ މީހުންގެ ކޯލިޝަނެއް ކަމަށާ އެއީ ޕީޕީއެމް ކަމުގައިވިޔަސް މިހާރު އެކަން ކުރުން މުހިންމު ކަމަށެވެ.
"އެ ވެރިންގެ ތެރޭގައި ވަނީ ހަނގުރާމައެއް. އަޅުގަނޑުމެން ކޯލިޝަންއަށްޓަކައި މީހުން ރުއްސަނީ. އެމްޑީޕީގެ ތެރޭގައިވެސް ހަރުކަށި ވިސްނުން އެބަ އުޅޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޔާމީންގެ އަރިހުގައި އަދި ޕީޕީއެމްގެ ގާތުގައި ވެސްހަރުކަށި ފިކުރުގެ ވާހަކަ ދެއްކުން މުހިންމު ކަމަށެވެ.
"އަހަރެމެންގެ ރާއްޖެ އަހަރެމެންގެ ދަރިންނަށް ދޭން ޖެހޭނެ. ވެރިކަމެއް ބޭނުމެއް ނޫން. އެކަންވެސް ކުރެވިއްޖެ. ނުކުރެވޭ އެއްވެސް އެއްވެސް ކަމެއް ނެތް. ރައީސުލްޖުމްްހޫރިއްޔާވެސް އެހުރީ ތާށިވެފައި،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ސޯލިހުއާއި އެމަނިކުފާނު ޒާތީ ކަންކަމުގައި ވެސް އަބަދުވެސް އުޅުއްވީ އެކީގައި ކަމަށާއި، ނަމަވެސް ދެން ރައީސް ސޯލިހުއާއެކު އިތުރަށް ނުހުރެވޭނެކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެންގެ [ރައީސް ނަޝީދު އާއި ރައީސް ސޯލިހް] ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ އެކީގައި. އަޅުގަނޑުގެ ދަރިންގެ 'އިބޫ ދޮންބެ' އެއީ. އެކަމު ދެން ރައީސުލްޖުމްހޫރިއްޔާ އާއި އެކީ ސިޔާސީ ގޮތުން ހަރަކާތްތެރިނުވެވޭނެ،" ރައީސް ނަޝީދު ބުންޏެވެ.
އެމްޑީޕީގެ ރައީސްއަދި އެމްޑީޕީގެ ބައެއް މެންބަރުން ހިތްހަމަނުޖެހުނު ނަމަވެސް އެމަނިކުފާނު ކުރައްވާނެ ކަމެއް ނެތް ކަމަށް ވިދާޅުވެ، ރައީސް ޔާމީން އާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަަތަށް ތާއީދު ކުރާނަމަ އެ ބޭފުޅުންގެ އެހީތެރިކަމަށް އެދިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ އެއްވެސް މެމްބަރަކު ރައީސް ސޯލިހުއާ ޒާތީ ނުވުމަށް ނަޝީދު ވަނީ އެދިފަ އެވެ. އަދި ރައީސް ސޯލިހުއަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
މީގެ ކުރީން ވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ޕީޕީއެމްގެ އެހީތެރިކަން ހޯއްދަވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. "އާސްކް ސްޕީކާ" ޕްރަގްރާމްގައި ނަޝީދު ވިދާޅުވެފައި ވަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީ އޮންނާނެ ކަމަށާ އެ ޕްރައިމަރީގައި ވާދަ ކުރައްވާ ކާމިޔާބު ހޯއްދަވާނެ ކަމަށެވެ.
ނަމަވެސް އެމަނިކުފާނު ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބު ބޭއްވުމަށްވުރެ ގައުމަށް އެންމެ ބޭނުންތެރިކަމަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން ކަމަށެވެ. އަދި 2024 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ވަރަށް ބޭނުންތެރި ކަމަށް ވިދާޅުވިއެވެ. އެއީ ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވި ހުރިހާ ގޮތަކުންވެސް ގައުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ.
ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ކުރައްވާ މަސައްކަތް ކާމިޔާބުވާނެ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުުރުން އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ޕީޕީއެމްގެ ތާއީދުވެސް ބަރުލަމާނީ ނިޒާމެއް ގެނައުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަޝީދު ވަނީ އޭރު ވިދާޅުވެފަ އެވެ.
ގުޅިގެން ޕާލިމެންޓްރީ ސިސްޓަމަކަށް ހަދަންވީ. ތިކުދި ކުދި ޕާޓީ ލައިގެން ކޯލިޝަން ހަދައިގެން ސަރުކާރުގެ ބޮޑު ޕަސަންޓެއް ހަތަރު މީހުން ނުތިބޭ ޕާޓީތަކަށް ދީގެން ތިބޭނެ ކަމެއް ނެތް.