ރޯމް (12 ޖުލައި) - ޔޫރޯ 2020 ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރުމުގެ އުފަލުގައި އިޓަލީގައި އުފާފާޅުކުރުންތަކުގެ ތެރެއިން އެކަކު މަރުވެ ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިއްޖެ އެވެ.
އިޓަލީގެ ކެލްޓެގިރޯން އޭ ކިޔުނު ސަރަހައްދުގައި ހިނގި ކާރު އެކްސިޑެންޓެއްގައި މަރުވެފައި ވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. އޭނާ ދުއްވަމުން ދިޔައީ އުފާފާޅުކުރުންތަކުގައި ބައިވެރިވުމަށް އެ ކަންތައްތައް އޮތް ތަނަށެވެ.
އިޓަލީގެ ވިޔަފާރި ވެރިރަށް މިލާންގައި ކުރިއަށް ދިޔަ އުފާފާޅުކުރުންތަކުގެ ތެރެއިން އެއްވެފައިވާ މީހުންތަކުގެ ތެރޭގައި ތޮއްޖެހި 15 މީހަކަށް އަނިޔާވެފައިވާއިރު ހަވާ އެރުވުމުގެ ތެރޭގައި އެކަކުގެ އަތުގެ އިނގިލިތައް ވެސް ވަނީ ބުރިކޮށްލަން ޖެހިފަ އެވެ.
މީގެ އިތުރުން ފޮޖިޔާ އޭ ކިޔުނު ސަރަހައްދުގައި ކުރިއަށް ދިޔަ ފާހަގަކުރުންތަކުގެ ތެރެއިން މީހަކު ވަނީ އެހެން މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލާފަ އެވެ. މި ހަމަލާގައި އެ މީހާގެ ހަ އަހަރުގެ ކުއްޖަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާ ހޯދަން ޖެހިފައިވެ އެވެ.
ރޭ މެންދަމު އޮތް ޔޫރޯގެ ފައިނަލް މެޗުގައި އިޓަލީން އެ މުބާރާތުގެ ތަށި އުފުލާލީ އިންގްލޭންޑާ ވާދަކޮށް މެޗުގެ 90 މިނިޓާއި 30 މިނިޓްގެ އިތުރު ވަގުތުގެ ދެ ހާފު ނިމުނު އިރު ވެސް 1-1 ން އެއްވަރު ވުމުން ޖެހި ޕެނަލްޓީގައި 2-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިއީ 1968 ވަނަ އަހަރުގެ ފަހުން އިޓަލީން މި ތަށި އުފުލާލި ފުރަތަމަ ފަހަރެވެ