އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކުރި އެމެރިކާގެ ރިޔާސީ ބަހުސް ކެންސަލް ކޮށްފައިވާކަން އެ ބަހުސް އިންތިޒާމުކޮށް ކުރިއަށް ގެންދާ ކޮމިޝަން އޮން ޕްރެޒިޑެންޓިއަލް ޑިބޭޓްސް (ސީޕީޑީ) އިން ބުނެފި އެވެ.

ބަހުސް ކެންސަލްކުރީ މީގެ އެއް ދުވަސް ކުރިން ބަހުސް ބާއްވާނީ ވާޗުއަލްކޮށް ކަން އިއުލާނުކޮށްފައި ވަނިކޮށެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑެންގެ ކުރިމަތިލުމަކަށް ދާން ހަމަޖެހިފައިއޮތް މި ބަހުސް އޮންލައިންކޮށް ބާއްވަން ނިންމީ މިދިޔަ ހުކުރު ދުވަހު ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން ހާމަކުރެއްވުމާ ގުޅިގެންނެވެ.

މިކަމާ ނުރުހުން ފާޅުކުރައްވާ ޓްރަމްޕް ވަނީ ވާޗުއަލްކޮށް ބާއްވާ ބަހުސްގައި ބައިވެރި ނުވާނެކަން އިއުލާނުކުރައްވައި އެއީ "ބޭކާރުވެގެންދާނެ ވަގުތުތަކެއް" ކަމަށް ވިދާޅުވެފަ އެވެ. އަދި އެންމެން ވެސް މަސައްކަތް ކުރައްވަނީ ޖޯ ބައިޑެން ކައިރިން ސަލާމަތްވާން ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިކަމާ ގުޅިގެން ސީޕީޑީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދެން އޮކްޓޯބަރު 15 ވަނަ ދުވަހު ބަހުސްއެއް ނޯންނާނެ އެވެ. އޭގެ ބަދަލުގައި އެ ކޮމިޝަނުން ދެން ތައްޔާރުވާނީ އޮކްޓޯބަރު މަހުުގެ 22 ވަނަ ދުވަހުގައި ބާއްވަން ތާވަލުކުރެވިފައިވާ އެންމެ ފަހު ރިޔާސީ ބަހުސަށް ކަމަށެވެ.

ބެލްމޮންޓް ޔުނިވަސިޓީގައި ބާއްވަން ހަމަޖެހިފައިވާ މި ބަހުސްގައި ދެ ކެންޑިޑޭޓުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ސީޕީޑީން ބުންޏެވެ.