ކޮވިޑް-19ގެ ހާލަތުގައި އަހަރުމެންގެ ދިރިއުޅުމަށް އައި އެންމެ ބޮޑު އެއް ބަދަލަކީ އާއްމު ތަންތަނުގައި މޫނުގައި މާސްކް އަޅައިގެން އުޅެން ޖެހުމެވެ. އެއްބަޔަކަށް އެއީ ބޮޑު ތަކުލީފަކަށް ވީއިރު އަނެއް ބަޔަކު ހާލަތާ އެއްގޮތަށް އެބަދަލު ވެސް ބަލައިގަތެވެ.

ބައްޔަށް ވެކްސިންއެއް އުފެއްދި ހިސާބުން ދެން ކުރިމަތިވި ސުވާލަކީ ވެކްސިން ޖެހުމަށްފަހު ވެސް އުޅެން ޖެހޭނީ މާސްކް އަޅައިގެންތޯ ކުރެވުނު ސުވާލެވެ.

މި ސުވާލަށް ސައިންސްވެރިންްނާއި ސިއްހީ މާހިރުން ދޭން އޮތް ޖަވާބު ވަރަށް ސާފެވެ. ވެކްސިން ފުރިހަމަ ކުރި ނަމަވެސް އަދިވެސް އާއްމު ތަންތަނުގައި މާސްކު އަޅައިގެން އުޅުން އެދެވިގެންވާ ކަމަށް އެބޭފުޅުން ލަފާ ދެއްވަ އެވެ.

ވެކްސިން ޖެހުމަކީ ކޮވިޑް -19ގެ ނުރައްކާ ވަރަށް ބޮޑަށް ކުޑަކޮށްދޭ ކަމެއް ނަމަވެސް އެއީ އެބަލިން 100 ޕަސެންޓް ރައްކާތެރި ކޮށްދޭ ކަމެއް ނޫނެވެ. އެހެންކަމުން ވެކްސިން ފުރިހަމަ ކުރުމަށްފަހު ވެސް އެންމެ ރަނގަޅު ގޮތަކީ މާސްކް އެޅުން ކުރިއަށް ގެންދިއުން ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

ކޮވިޑްގެ އާ އާއްމު ހާލަތުގައި ދުވަސްތައް ގުނަމުން ދާއިރު، އެބަލި ފެތުރުން ހުއްޓުވުމަށް ސިއްހީ އިދާރާތަކުން އަންގަވާފައިވާ އެންގުންތަކަށް ބޯލަނބައި، އާއްމު ތަންތަނުގައި އުޅޭއިރު އަދިވެސް މާސްކް އެޅުމަކީ އަހަރުމެން އެންމެންގެ ވެސް ފަރުދީ ޒިންމާ އެކެވެ.

އެހެންކަމުން ވިސްނަންވީ ކަމަކީ ވެކްސިން ފުރިހަމަކުރި ކަމުގައިވިޔަސް އަދި މާސްކް އެޅުން ހުއްޓާލެވެން ނެތް ކަމެވެ. މާސްކް އެޅުން ދޫކޮށްލުމަކީ މިއަދުގެ ހާލަތަށް ބަލާއިރު އެންމެ ރައްކާތެރި ގޮތް ނޫން ކަމެވެ.