މި ހަފްތާ ބަންދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހދ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށް ތިލަދުންމަތީ ދެކުނުބުރީގެ ތިން ރަށަކަށް ދަތުރުފުޅެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ރައީސް ސޯލިހު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހދ.ހަނިމާދޫ، ހދ.ކުމުންދޫ އަދި ހދ.ކުޅުއްދުއްފުށި ސިޓީއެވެ.

ރައީސް ސޯލިހުގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްޤީގެ މަޝްރޫއުތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ކުރިމަތިވުމާއި ހަމަޔަށް 127 ކައުންސިލަކާއެކު ބައްދަލުވުން ބާއްވާފައިވާ ކަމަށާއި 69 ރަށަކަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ. އަދި މިހާރު ކޮވިޑު-19 ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާއިރު، ރަށްރަށަށް ޒިޔާރަތް ކުރައްވާ، ތަރައްޤީގެ މަޝްރޫއުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެޗްޕީއޭއިން ވަނީ ކޮވިޑް ހާލަތު ރަނގަޅުވުމުން ކަރަންޓީނުވެ އެއް ރަށުށް އަނެއް ރަށަށް ދަތުރުކުރެވޭނެ އުސޫލެއް ކަނޑައަޅާފަ އެވެ. އަދި މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ކާފިއު އުވާލުމަށްފަހު ބޮޑެތި ލުއިތަކެއް ވަނީ ދީފަ އެވެ.

ރައީސް ދަތުރުކުރައްވަން ފައްޓަވާފައިވާއިރު މިއަހަރުގެ މިހާތަނަށް ދަތުރުތަކަށް 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ހަރަދުކޮށްފައިވާކަން ފާހަގަކުރެވެ އެވެ.