ޖެނީވާ (14 ޖުލައި) - ވަކިވަކި ފަރުދުން އަމިއްލައަށް ކޮވިޑް-19 ވެކްސިންތަކުގެ ތަފާތު ބްރޭންޑްތަކުން ޑޯޒް ހަމަކުރަމުން ދާތީ ކަންބޮޑުވުން ފާޅުކޮށް އެކަމާ ދެކޮޅަށް ޑަބްލިއުއެޗްއޯގެ ޗީފް ސައިންސްވެރިޔާ ސޯމްޔާ ސްވަމިނަންތަން އިންޒާރުދީފި އެވެ.

ސޯމްޔާ ވިދާޅުވީ އަމިއްލަ މީހުން ބޭނުންވެގެން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ތަފާތު ބްރޭންޑްތަކުން ހަމަކުރުމަކީ ސިއްހަތަށް ނުރައްކާ ވެދާނެކަމެއް ކަމަށާއި، އެ ނިންމުމަކީ ސިއްހީ އިދާރާތަކުން ނިންމަން ޖެހޭ ނިންމުމެއް ކަމަށެވެ.

"އެކި ބްރޭންޑްތައް ބޭނުންކޮށްގެން ޑޯޒް ހަމަ ކުރަން ނިންމާނީ ސިއްހީ އިދާރާތަކުން ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހު. އެއީ އެއްވެސް ހާލެއްގައި އަމިއްލަ ފަރުދުން ނިންމައިގެންވާނެ ނިންމުމެއް ނޫން،" ސޯމްޔާ ކުރެއްވި ޓުވީޓެއްގައިވެ އެވެ.

ޑަބްލިއުއެޗްއޯގެ ސްޓްރެޓެޖިކް އެޑްވައިޒަރީ ގްރޫޕްގެ މާހިރުން މިދިޔަ މަހު ވަނީ އެސްޓްރަޒެނެކާ ވެކްސިންއާއި ފައިޒާ ވެކްސިން ބޭނުންކޮށްގެން ޑޯޒު ހަމަކުރެވިދާނެ ކަމަށް ބުނެފަ އެވެ.

މިގޮތަށް ތަފާތު ވެކްސިންތައް އެއްކޮށްގެން ޑޯޒް ހަމަކުރުމާ ގުޅޭ ގޮތުން ދިރާސާތައް ކުރެވެމުން ދާއިރު، ބައެއް ގައުމުތަކުގެ ސިއްހީ އިދާރާތަކުން ވަނީ ދެ ވެކްސިން އެއްކޮށް ޑޯޒް ހަަމަކުރަން ރައްޔިތުންނަށް ފުރުސަތު ދީފަ އެވެ. -- އަލް އަރަބިއްޔާ