އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމުގެ ތުހުމަތުކުރެވޭ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ތަފާތުކުރުން ގެންގުޅޭ ކަމަށް ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި މަހްލޫފުގެ މައްޗަށް ދައުވާކުރަން އަދިވެސް ފޮނުވާފައި ނުވާތީ އެކަމާ އިޝާރާތް ކުރައްވައި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖިނާއީ ކުށުގައި މުޅި ރައްޔިތުންގެ ހައްގު ހިމެނޭ ކަމަށާއި އެމްއެމްޕީއާރުސީގެ މައްސަލާގައި ވަކި ބަޔަކަށް ދައުވާކޮށްފައި އަނެއް ބަޔަކަށް ދައުވާ ނުކުރުމުން ޕީޖީ މި މައްސަލާގައި ތަފާތުކުރުން ގެންގުޅޭކަން ވަރަށް ސާފުކޮށް އެނގިގެންދާ ކަމަށެވެ.
މަޖިލީހުން މިކަމާއި ޕީޖީ އާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅާތީ ޑރ. ޖަމީލް ވަނީ މަޖިލީހަށް ފާޑުކިޔާފަ އެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ މައްޗަށް ދައުވާ ކުރުމަށް ދެ ފަހަރެއްގެ މަތިން އޭސީސީއިން ޕީޖީ އޮފީހަށް ފޮނުއްވި އެވެ. އެހެން ނަމަވެސް އެމައްސަލާގައި ބައެއް ކަންކަން ނުނިމިހުރިކަމަށް ބުނެ ޕީޖީއިން އަބުރާ އެމައްސަލަ އޭސީސީއަށް ފޮނުވާލި އެވެ.
ޕީޖީއިން އެދިފައިވާ ގޮތަށް މައްސަލަ އަލުން ދިރާސާކޮށް ޕީޖީއިން ބޭނުންވާ ހުރިހާ މައުލޫމާތެއް އޭސީސީއިން ވަނީ އަލުން ހިއްސާ ކުރައްވާފަ އެވެ. އޭސީސީއިން ހުރިހާ މައުލޫމާތެއް ހިއްސާކޮށްފައިވާއިރު ވެސް ޕީޖީއިން އަދިވެސް އަންނަނީ މިނިސްޓަރު މަހްލޫފުގެ މައްސަލަ ދިރާސާ ކުރަމުންނެވެ.
ޕީޖީ ޝަމީމް ކުރެއްވި ޓުވީޓްގައި ވިދާޅުވީ ކުށްކޮށްގެން ހޯދާ ފައިސާ ދައުލަތަށް ނެގުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާކުރުމަށް ކުރި މަސައްކަތުގެ ދަށުން، ގިނަ އަދަދެއްގެ ފައިސާ ދައުލަތަށް ނަގަން އެދިފައިވާނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ވެސް މަނީލޯންޑަރިން އާއި ގުޅުންހުރި 26 މައްސަލައެއްގައި 70 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޯދުމަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނާއި ޕީޖީ އޮފީހާއި އޭސީސީއާއި ފުލުހުން ގުޅިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުކުރިއަށް ގެންދާއިރު، އެ އިދާރާއިން ހިޔާނާތުގެ ލިސްޓް ނެރެފައިވާއިރު މިނިސްޓަރު މަހްލޫފުގެ ނަން ހިމެނެ އެވެ.
ނަމަވެސް އެ މައްސަލާގައި މަހްލޫގު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓްގައި އޭނާގެ ނަން އޮތީ ސިޔާސީ ގޮތުން އޭނާ ކަތިލުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.
އޭސީސީއިން އެމައްސަލަ ތަހުގީގު ކުރިއަށް ގެންދިޔަ ގޮތާމެދުގައި މަހްލޫފު ވަނީ އެ ކޮމިޝަނުގެ ރައީސް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.
އެންމެ ލާރިއެއްވެސް ނުހޯދުނު ބޮޑު ތަހްގީގު. ހަމަ ފިސާރި ބޮޑު ޖޯކެއް. ބޯކޮށް ވައްކަން