އީދު ބަންދުތެރޭގައި ސިޓީ ކައުންސިލުން ފޯރުކޮށްދޭ އާއްމު ހިދުމަތްތައް ރައްޔިތުންނަށް ލިބޭ ގޮތަށް ކައުންސިލުން ނިންމާފައިވާ ކަމަށް މާލެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލުގެ މަސައްކަތްތަކާ ބެހޭ ގޮތުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޭޔަރު ޑރ. މުއިއްޒު މިރޭ ވިދާޅުވީ އިދާ ދިމާކޮށް މުޅި ސަރުކާރު ބަންދުވާއިރު، ސިޓީ ކައުންސިލުގެ އާއްމު ހިދުމަތްތައް ރައްޔިތުންނަށް ލިބޭ ގޮތަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އާއްމު ހިދުމަތްތަކާއި ބެހޭ ބައިން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް ހައްޖު ދުވަހާއި، އީދު ދުވަސް އަދި މިނިވަން ދުވަސް ފިޔަވައި ބަންދުވާ 15 ދުވަސް ތެރޭގައި ދެމުންދާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

އޭގެ ތެރޭގައި އަލަށް އުފަންވާ ކުދިންނަށް ސިޓީ ކައުންސިލުން ދޫކުރާ ލިޔުންތައްވެސް ބަންދުގެ މުއްދަތުގައިވެސް ދެމުންދާނެ ކަމަށް ޑރ، މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ އީދު ދުވަހު ރައްޔިތުންނަށް ހިތް ފަސޭހަކޮށް އުޅެވޭނެ މަގުފަހިކޮށްދިނުމަށް މާލޭ ސަރަހައްދު (މާލެ، ހުޅުމާލެ އަދ ވިލިމާލޭ) ގެ ހުރިހާ މަގެއްގައި ހަވީރު 4:00 އިން ރޭގަނޑު 8:00 އަށް ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

"މި ނިންމުން އަޅުގަނޑުމެން ނިންމީ، އީދު ދުވަހުގެ އުފާ ރައްޔިތުންނަށް ފުރިހަމައަށް ހޯދައިދިނުމަށް،" މުއިއްޒު ވިދާޅުވި އެވެ.

އަދި އީދު ދުވަހު އުރީދޫއާއި ސިޓީ ކައުންސިލުން ގުޅިގެން ބަކަރި ކަތިލުމުގެ ހަރަކާތެއްވެސް މާލެ ސިޓީގައި ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށް މޭޔަރު މުއިއްޒު ފާހަގަ ކުރެއްވި އެވެ.

މިހަރަކާތުގައި، ކަތިލާ ބަކަރި މަސްތައް ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.