ކޮވިޑް 19ގެ ބަލިމަޑުކަމާއި ގުޅިގެން އިންޑިޔާގެ ސިނަމާތައް ހަ މަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށްފަހު 15 އޮކްޓޫބަރުގައި އަލުން ހުޅުވާއިރު، ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީގެ "ބަޔޮޕިކް" ދެވަނަ ފަހަރަށް ރިލީސް ކުރަން ނިންމައިފި އެވެ.

މެއި، 24، 2019 ގައި އެންމެ ފުރަތަމަ ރިލީސް ކުރި މިފިލްމަކީ މޯދީގެ ހަޔާތްޕުޅުގެ މައްޗައް ތައްޔާރުކޮށްފައިވާ ފިލްމެެކެވެ. މޯދީގެ ރޯލުން ވިވެކް އޮބްރޯއީ ފެނިގެންދާ މިފިލްމު އާންމުން ބަލައިގަތްކަމުގައި ވިޔަސް، ސިޔާސީ ސަބަބުތަކަށްޓަކައި ވަނީ ރަނގަޅު އާމްދަނީއެއް ހޯދުމަށް ނުކުޅެދިފަ އެވެ.

ދެވަނަ ފަހަރަށް މިފިލްމު ރިލީސް ކުރަން ނިންމި ނިންމުމާއި ގުޅޭގޮތުން ފިލްމްގެ ޕްރޮޑިއުސަރު ސަންޑީޕް ސިންގް ބުނެފައިވަނީ 2019ގެ އިންތިހާބު ކަށަވަރުކޮށްދިން ފަދައިން، ޕްރައިމް މިނިސްޓަރު މޯދީއަކީ މިހާތަނަށް އިންޑިޔާ ދުށް އެންމެ އެދެވިގެންވާ ސިޔާސީ ޝަހުސިއްޔަތެވެ. އެހެންކަމުން، ތިއޭޓަރުތައް އަލުން ހުޅުވާއިރު، މޯދީ ފަދަ އާދަޔާ ހިލާފު ލީޑަރެއް ކާމިޔާބީއާއި ހަމަޔަށް ވާސިލުވުމަށް ކުރެއްވި މަސައްކަތްތައް ބަލާލުމަށް މިއީ ރަގަޅު ފުރުސަތެކެވެ.

ބަޔޮޕިކްގައި ކުރެވުނު މަސައްކަތާ މެދު ފަޚުރުވެރިވާކަން ފާޅުކުރަމުން ސިންގް ބުނެފައިވަނީ ދެވަނަ ފަހަރަށް ފިލްމް ތިއޭޓަރުތަކަށް ގެނެވޭ އިރު، އިތުރު ބަޔަކަށް މިފިލްމް ބާލާލެވި މަސައްކަތުގެ ފޮނި މީރު އެންމެހާ ރައްޔިތުންނަށް ލިބުމަަށް އެދޭކަމަށެވެ.

އިންޑިޔާގެ ސިނަމާތައް މެދުކެޑުމަކަށްފަހު ހުޅުވާއިރު، އެ ގައުމުގެ ސަރުކާރުންވަނީ ރައްކާތެރިކަމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ސިނަމާ ހޯލްގެ ގޮޑިތައް އެތުރުމުގައި ތިން ފޫޓުގެ ދުރުމިނެއް ބަހައްޓައި، މާސްކް އަޅައިގެން މެނުވީ ސިނަމާއަށް ނުވަދެވޭނެ ގޮތް ވަނީ ކަނޑައަޅައިފަ އެވެ. މީގެ އިތުރުން، ކާބޯތަކެތި ސިނަމާގައި ކެއުން ފަދަ ކަންކަން މަނާކޮށް، ރޯގާގެ އެއްވެސް އަލާމާތެއް ހުރި މީހެއް ނަމަ ސިނަމާއަށް ނުވެއްދުމަށްވަނީ އިލްތިމާސްކޮށްފަ އެވެ.