ތިން ފަހަރެއްގެ މަތިން ގައުމީ އިނާމް ހޯދާފައިވާ ބޮލީވުޑް ފިލްމު "ބަދާއީ ހޯ"ގެ އެކްޓަރެސް ސުރެކާ ސިކްރީ ހާޓް އެޓޭކެއް ޖެހިގެން މިއަދު ހެނދުނު މަރުވެއްޖެ އެވެ.

ބޮލީވުޑް މަޝްހޫރު އެތަކެއް ފިލްމުތަކަކާއި ޓީވީ މަޝްހޫރު ސީރީޒްތަކެއް ކުޅެފައިވާ ސުރެކާ މަރުވިއިރު އުމުރަކީ 75 އަހަރެ އެވެ. ގައުމީ އިނާމު ތިން ފަހަރަށް ހާސިލްކޮށްފައި އެކްޓްރެސް ބަލިވެ އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވެ އެވެ.

ސުރޭކާ ސިކްރީ މަރުވިކަން ޔަގީން ކޮށްދެމުން އޭނާގެ މެނޭޖަރު މީޑިއާގައި ބުނެފައި ވަނީ "ގައުމީ އެވޯޑް ތިން ފަހަރަށް ހާސިލް ކޮށްފައިވާ އެކްޓްރެސް މިއަދު ހެނދުނު މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެން. ބަލިވެ އުޅޭތާ ދުވަސްތަކެއްވެފައި ވާއިރު ސިކުނޑިއަށް ޖެހުނު ސްޓްރޯކެއްގެ ސަބަބުން ވަރަށް ގިނަ ކޮމްޕްލިކޭޝަންތަކެއް ވެސް ދިމާވެގެން އުޅޭތާ ދުވަސްތަކެއްވެއްޖެ." އެވެ.

2018 ވަނަ އަހަރު ޕެރެލައިޒް ސްޓްރޯކެއް ޖެހިފައިވާއިރު، މިދިޔަ އަހަރު ވަނީ ސުރެކާއަށް ސިކުނޑީގެ ސްޓުރޯކެއް ވެސް ޖެހިފަ އެވެ.

ސުރޭކާއަށް ގައުމީ އެވޯޑް ލިބިފައި ވަނީ 1988ވަނަ އަހަރު "ތަމަސް" ފިލްމުންނާއި 1995 ވަނަ އަހަރު "މަމޯ" ފިލްމުގެ އިތުރުން 2018 ވަނަ އަހަރުގެ "ބަދާއި ހޯ" އިންނެވެ.

އެކްޓްރެސް އެންމެ ފަހުން ކުޅުނު ފިލްމަކީ ނެޓްފްލިކްސްގެ ގޯސްޓް ސްޓޯރީސް އެވެ.