މާލެ ސަރަހައްދުގައި ޕާކިންއާ ގުޅިގެން ކުރެވޭ ޖޫރިމަނާކުރަން ޖެހޭނީ އެކަށީގެންވާ ވަރަށް ޕާކުކުރާނެ ޖާގަ ހޯދައިދިނުމަށް ފަހު ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޭޔަރު މުއިއްޒު މިހެން ވިދާޅުވީ ގަވާއިދާ ހިލާފަށް ޕާކުކުރާ ނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް އަދި ލައިސަންސް ބާތިލް ކުރެވޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖެއްސުމާ ގުޅިގެންނެވެ.

މޭޔަރު މުއިއްޒު އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ޕާކު ކުރެވޭ ޖާގަތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި ރައްޔިތުންގެ ހިޔާ ހޯދުމުގެ މަސައްކަތްތައް ފަށާފައިވާއިރު އެކަމަށް އެކަށީގެންވާ ފުރުސަތު ސަރުކާރުންދޭ ޖެހޭ ކަމަށެވެ.

މާލެއަށް ވެހިކަލު އެތެރެކުރެވޭ މިންވަރު ހޯދުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައިވާނެ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ. އަދި އެ މައުލޫމާތުތައް ލިބުމުން މާލެއަށް ވެހިކަލް އެތެރެ ކުރެވޭނެވަރާއި ވެހިކަލްތަކުގެ އުމުރު ކަނޑައެޅޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

https://twitter.com/MMuizzu/status/1415957441443876867

ޓްރާންސްޕޯޓް އޮތޯރިޓީން އާންމުކޮށް އަމަލު ކުރަން ފެށި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދުގައި ބުނެފައި ވަނީ ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭއިރު، ގަވާއިދާ ހިލާފުވާ ކޮންމެ ފަހަރަކު ލައިސަންސް އިން ޕޮއިންޓް އުނިކުރެވޭނެ ކަމަށެވެ. އެގޮތުން ގަވާއިދާ ޚިލާފަށް ޕާކްކޮށްގެން ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު ލައިސަންސުން ފަސް ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން ވަންވޭއާ އިދިކޮޅަށް ދުއްވުމާއި ޓްރެފިކް ލައިޓާ ޚިލާފަށް ދެ ފަހަރަށް ވުރެ އިތުރަށް ދުއްވައިފި ނަމަ، ކޮންމެ ފަހަރަކު 10 ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެ ނޫން ކަންކަމުގައި ވެސް، ދެ ފަހަރަށް ވުރެ އިތުރަށް އެކަން ތަކުރާރު ކޮށްފި ނަމަ 10 ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އަލަށް އަމަލު ކުރަން ފެށި ގަވާއިދުގައި ބުނެފައިވާ ގޮތުން ލައިސަންސަށް ދީފައިވާ ޕޮއިންޓް ހުސްވުމުން އޮޓަމެޓިކުން އެ ލައިސަންސެއް ބާތިލުވެގެންދާނެ އެވެ. ލައިސަންސް ބާތިލުމުވުން އަލުން ލައިސަންސް ހެއްދޭނީ 180 ދުވަސް ފަހުން ކަމަށާއި އަލަށް ލައިސަންސް ނަގާއިރު ހަދާ ހުރިހާ އިމްތިހާނުތަކުން ފާސްވެގެން ކަމަށް އެގަވާއިދުގައި ވަނީ ބުނެފަ އެވެ.

ނުރައްކާތެރިކޮށް ދުއްވާ ހާލަތްތަކުގައި ވެސް ލައިސަންސުން ޕޮއިންޓް އުނި ކުރެވޭ ގޮތަށް އެ ގަވާއިދުގައި ހިމަނާފައިވެ އެވެ. އަދި ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވުމުގެ ކުށް ދެ ފަހަރު ތަކުރާރުކޮށްފި ނަމަ، 48 ގަޑިއިރަށް ލައިސަންސް ހިފެހެއްޓޭ ގޮތަށް ވެސް އެ ގަވާއިދުގައިވެ އެވެ. އެކްސިޑެންޓްގެ މައްސަލަތަކުގައި ތަހުގީގުގެ ބޭނުމަށް ހަތް ދުވަހަށް ލައިސަންސް ހިފެހެއްޓޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ދުއްވާ މީހުންނާއި އެ އުޅަނދެއްގެ ވެރިފަރާތް ވެސް ޖޫރިމަނާ ކުރެވޭނެ ކަމަށް އާ ގަވާއިދުގައިވެ އެވެ. އަދި ލައިސަންސް ނެތި ދުއްވާ އުޅަނދުތައް ވެސް 15 ދުވަހަށް ހިފެހެއްޓޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.