ވޮޝިންޓަން (17 ޖުލައި) - ކޮވިޑް ވެކްސިނާ ބެހޭގޮތުން ދޮގު މައުލޫމާތު ފަތުރާތީ އެމެރިކާގެ ރައީސް ޖޯ ބައިޑަން ފޭސްބުކާއި އެހެނިހެން ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކަށް ފާޑު ވިދާޅުވެއްޖެ އެވެ.

ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިޑަން ވިދާޅުވީ ފޭސްބުކާއި އެހެނިހެން ސޯޝަލް މީޑިއާތަކުން ވެކްސިނާ ގުޅޭ ދޮގު މައުލޫމާތުތައް ފަތުރަމުން ދާތީ ގިނަ ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.

"ކޮވިޑް ކޭސްތައް ގިނައީ ވެކްސިން ނުޖަހާ މީހުންގެމެދުގައި. މިއީ ހަގީގަތުގައި ވަރަށް ނުރައްކާ ކަމެއް،" ބައިޑަން ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ ސޯޝަލްމީޑިއާގައި ހިންގާ އެންޓި ވެކްސިން ކެމްޕެއިންތަކުގެ ސަބަބުން ވެކްސިން ޖަހަން މީހުން ފަސްޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.

ކޮވިޑް ފެށުނީއްސުރެ ފޭސްބްކް، ޓުވިޓާ އަދި ޔޫ ޓިއުބުގައި ކޮވިޑް ވެކްސިނާ ބެހޭގޮތުން އެކި ކަހަލަ މައުލޫމާތުތައް ދަނީ ފެތުރެމުންނެވެ. މީގެ ތެރޭގައި ވެކްސިން ޖެހުމާ ދެކޮޅު ކެމްޕެއިންތައް ވެސް ހިމެނެ އެވެ.

ބައިޑަންގެ މި ތުހުމަތުތަކަށް ރައްދުދެމުން ފޭސްބުކްގެ ތަރުޖަމާނު ކެވިން މެކްއެލިސްޓާ ބުނީ ފޭސްބުކް މެދުވެރިކޮށް ދެ ބިލިއަން މީހުން ކޮވިޑް -19އަށް ހަދާފައިވާ ވެކްސިންގެ ސައްހަ މައުލޫމާތު ހޯދާފައިވާ ކަމަށާއި އެމެރިކާގައި އެކަނިވެސް 3.3 މިލިއަން މީހުން އެކުންފުނީގެ ވެކްސިން ފައިންޑާ ފީޗާ ބޭނުން ކޮށްފައިވާ ކަމަށެވެ.

މިކަމާ ބެހޭގޮތުން ޓުވިޓާ އާއި ޔޫ ޓިއުބުގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ. -- ރޮއިޓާސް