ރާއްޖެ ސަރަހައްދުން ހައްޔަރުކުރި ލަންކާގެ މަސް ބޯޓެއް ދޫކޮށްލުމާއި އެބޯޓުގައި ހުރި މުދާ ރާއްޖެއިން ގެންދިޔުމުގައި ރައީސް އޮފީހުގެ އިސްވެރިއެއްގެ އަތެއްވާ ކަމަށް ލަންކާގެ ކޯސްޓް ގާޑުން ތުހުމަތު ކޮށްފި އެވެ.

ލަންކާގެ ނޫހެއް ކަމަށްވާ "ސަންޑޭ ޓައިމްސް" ގައި ބުނެފައި ވަނީ ރާއްޖެއިން ހައްޔަރު ކުރި މަސް ބޯޓެއް ދޫކޮށްލުމާއެކު އެގައުމަށް އެނބުރި ދިޔައިރު ރާއްޖެއިން މުދާ ގެންދިޔަކަމުގެ ތުހުމަތުގައި އެމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މަސްވެރިން ބުނި ގޮތުގައި އެމީހުން ގެނައި މުދަލަކީ ރައީސް އޮފީހުގެ ވެރިއަކު އެމީހުންނަށް ދިން އެއްޗެހި ކަމަށް އެނޫހުގައި ވަނީ ބުނެފަ އެވެ.

ލަންކާގެ އަވަށެއްކަމުގައިވާ ބަރުވެލާގެ މަސްވެރިންތަކެއް ބަނދަރު ސަރަހައްދުން ހައްޔަރުކޮށްފައިވަނީ އެ ގައުމުގެ ކަސްޓަމްސްގެ ގަވައިދާ ޚިލާފަށް ގައުމަށް މުދާ އެތެރެކުރަން އުޅުމުގެ ތެރެއިން އެ އަވަށުގެ ކޯސްޓް ގާޑުންނެވެ.

އަތުލައިގަތް ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަންނައުނާއި ސެންޓާއި ކާނާ ހިމެނެ އެވެ. ކާތަކެތީގެ ތެރޭގައި ދަޅުގައި ބަންދުކުރި މަސް ވެސް ހިމެނޭ ކަމަށް ސަންޑޭ ޓައިމްސްގައި ބުނެފައިވެ އެވެ.

މިތަކެތި އެތެރެކުރުމަށް ލަންކާގެ ކަސްޓަމުގެ ގަވައިދާ ހިލާފުވެފައިވާތީ އެ މީހުންނަށް ވަނީ ސުމަގްލިންގެ ތުހުމަތުކޮށްފަ އެވެ. އަދި މިހާރު އެ ތަކެއްޗާއި 10 ފަޅުވެރިން ތިބީ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ކަމަށް ސަންޑޭ ޓައިމްސް އިން ވަނީ ރިޕޯޓުކޮށްފަ އެވެ.

އަތުލައިގެންފައި ވަނީ ކިހާ އަދަދެއްގެ މުދަލެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. މި މައްސަލަ އާ ގުޅިގެން ރައީސް އޮފީހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

މި އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ލަންކާގެ ބޯޓުތައް ރާއްޖެއިން އަތުލައިގެންފައި ވަނީ ދިވެހި ސިފައިންގެ ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ޕެޓްރޯލް ދަތުރެއްގައި މ. އަތޮޅާއި ވ. އަތޮޅުގެ އިރުން 30 ނޯޓިކަލް މޭލު އެތެރެއިންނެވެ.