ހދ. ހަނިމާދޫގައި ހަދަން ފަށާފައިވާ ހައުސިން މަސައްކަތް ނިންމުމަށާއި އިތުރު 48 ހައުސިން ޔުނިޓް އެޅުމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ)ގެ ހިއްސާވާ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ދޮންބެޒްއާ ހަވާލުކޮށްފައި ވަނީ މިހާރު ހަނިމާދޫގައި ހަދަން ފަށާފައިވާ ހައުސިން ޔުނިޓްތައް ނިންމުމަށާއި އިތުރު 48 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް 79.4 މިލިއަން ރުފިޔާއަށް ކަމަށެވެ.
އެ މަޝްރޫއު ނިމުމަށް މުއްދަތަކީ 330 ދުވަސް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިއަހަރުގެ އޭޕްރިލް މަހު ވެސް ކުޅުދުއްފުށީ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމުމަށް ދޮންބެޒްއާ ހަވާލުކޮށްފައިވެ އެވެ. މިއީ 47 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ގިނަ މަޝްރޫއުތައް ހަވާލުކުރަނީ އެމްޑީޕީ މަޖިލިސް މެމްބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ. މިކަމާ ގުޅުގެން ގިނަ ބަޔަކު ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.
ކޮރަޕްޝަނާ ދެކޮޅަށް ވަކާލާތު ކުރުމަށްފަހު ވެރިކަމަށް އައި ސަރުކާރުން އިންތިހާއަށް ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ކުރިން ދެއްކި ވާހަކަ އާއި އަމަލާ ދިމާނުވާ ކަމަށް ވެސް ގިނަ ބަޔަކު ދަނީ މިހާރު ބުނަމުންނެވެ.
ހަނިމާދޫގެ އިތުރުން ހދ. ނޮޅިވަރަންފަރުގައި 2011 ވަނަ އަހަރު މަސައްކަތް ފަށައި 2014 ވަނަ އަހަރު ހުއްޓާލާފައިވާ 100 ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފައި ވަނީ އދ. ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓާޔާޑް މުހައްމަދު ނާޒިމްގެ ހިއްސާ އޮންނަ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ އެވެ.
މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރުމަށް ހަމަޖެހިފައިވާ އެ މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމުމަށް އާރުސީސީއާ ހަވާލުކޮށްފައިވަނީ 53.5 މިލިއަން ރުފިޔާ އަށެވެ.
މީހެޔޮ ސަރުކާރު ލަދުކުޑަޔަސް ބޮޑުވަރު
މި ފައިސާއަށް ކަންނޭގެ މިހާރި 2 ރިސޯޓު ނަގަން ބިޑުކޮށްފަ އެ އޮތީ. އެހެން ވެއްޖިއްޔާ ހައުސް ޔުނިޓުތައް ފައިބާނީ މޫލައިގެން އަޑިޔަށް