މަސް މާރުކޭޓުގައި ގަވައިދާ ހިލާފަށް ހިންގާ ތަންތަން ހުސް ކުރުމަށް މާލެ ސީޓީ ކައުންސިލުން އަންގައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މަސް މާރުކޭޓުގެ މަތީ ފަންގިފިލާ ފިހާރަ ހިންގުމާއި، މީހުން ނިދުމަށް އަދި މުދާ ބެހެއްޓުމަށް ބޭނުންކުރަމުން އަންނަ ކަމަށާއި، މި ފަރާތްތައް ދެނެގަތުމަށް ސިޓީ ކައުންސިލުން ކުރި އިއުލާނަށް ދިން މުއްދަތުގެ ތެރޭގައި އިޖާބަ ދީފައި ވަނީ އެންމެ ފަރާތަކުން ކަމަށެވެ.

އެހެން ނަމަވެސް އެތަނުގައި ހުރި މީހުން ނިންދަވާ ތަންތަނާއި ފިހާރައާއި ގުދަން ފަދަ ހުރިހާ ތަނެއްގައިވެސް މުދަލާއި ތަކެތި ހުރިކަން އެއިދާރާއަށް ފާހަގަކުރެވެފައިވާ ކަމަށް އެކުންސިލުން ވަނީ ބުނެފަ އެވެ.

ސިޓީ ކައުންސިލުން ބުނީ ގަވާއިދާ ހިލާފަށް މަސް މާރުކޭޓްގެ މަތީ ގައި ހިންގަމުން އަންނަ "ލިސްޓު" ނަމަކަށް ކިޔާ ފިހާރަ ފިޔަވާ އެހެން ހުރިހާ ތަނަކުން މުދާ ހުސްކުރުމަށް އަންގާ ކަމަށެވެ. އެތަނުގައި މުދަލާ އެކި ބޭނުންތަކަށް ތަކެތި ބަހައްޓަމުން އަންނަ ފަރާތްތަކަށް މުދާ ހުސްކުރުމަށް ދީފައި ވަނީ މިމަހުގެ އަށް ދުވަހުގެ ނިޔަލަށެވެ.

އެ މުއްދަތުގައި އެތަން ހުސްނުކޮށްފި ނަމަ އެތަނުގައި ހުންނަ މުދަލާ މެދު އެ އިދާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލުކުރެވޭނެ ކަމަށާއި، އެެ މުއްދަތުގެ ތެރޭގައި އެތަނުން މުދާ ހުސްނުކޮށްފި ނަމަ މުދަލަށް ލިބޭ އެއްވެސް ގެއްލުމަކަށް ކައުންސިިލުން ޒިންމާ ނުވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މާލެ ސިޓީ ކައުންސިލުން އަމާޒު ހިފާފައި ވަނީ މާރުކޭޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށެވެ. މިއާއެކު މާރުކޭޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފަ އެވެ.