ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަން ގޮސް ހުއްޓައި ވަޒަންތަކެއް ފެނިގެން ހައްޔަރުކުރި ޓޫރިސްޓް މީހާ ޑީޕޯޓްކުރަން ނިންމައިފި އެވެ.

މިމަހުގެ 10 ވަނަ ދުވަހު ފުރަން ގޮސް ހުއްޓާ ވަޒަންތަކެއް ފެނިގެން ހައްޔަރު ކޮށްފައިވަނީ ނެމިބިއާއަށް ނިސްބަތްވާ 60 އަހަރުގެ ފަތުރުވެރިއެކެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ވަޒަންތަކެއް ފެނިގެން ހައްޔަރު ކުރި ފަތުރުވެރިޔާ ދޫކޮށްލުމަށް ފަހު ޑީޕޯޓް ކޮށްލުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މީހާ ދޫކޮށްލާފައި ވަނީ އޭނާގެ ބަންދަށް ޖެހި ތިން ދުވަސް ހަމަވުމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީހާ ރާއްޖެ އައި އިރު އަމިއްލައަށް ރާއްޖެއަށް އެތެރެކުރި ވަޒަންތަކެއް ކަމެއް ނުވަތަ ރާއްޖެއިން ހޯދި ވަޒަންތަކެއް ކަމެއް ސާފެއް ނުވެ އެވެ. އަދި އޭނާ އަތުން ފެނުނީ ކޮން ބާވަތެއްގެ ކިހާ އަދަދެއްގެ ވަޒަންތަކެއް ކަމެއް ވެސް ރަސްމީ ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން، މާލެ ސަރަހައްދުގެ ސެކުއިރިޓީ ވަރުގަދަކޮށްފައިވާ އިރު، އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ހިމެނެ އެވެ.

ރާއްޖެއަށް ހަތިޔާރު އެތެރެކުރުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ބޮޑެތި އަދަބުތަކެއް ލިބޭ ކުށެކެވެ.