ޕާޓީގެ އެންމެ ބޮޑު މަގުސަދަކަށް ވާންޖެހެނީ ވެރިކަން ދެމެހެއްޓުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވެ ދެއްކެވި ވާހަތަކަށް އެމްޑީޕީގެ ރައްޔިތުން މަޖިލީހުގެ އިތުރު މެމްބަރުންތަކެއް އޭނާއަށް ފާޑުކިޔައިފި އެވެ.
ބައެއް މީޑިއާތަކުގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ 241 ކޮމެޓީގެ މުގަރިރު އަސްލަމް ވިދާޅުވެފައި ވަނީ އެމްޑީޕީގެ އެންމެ މުހިއްމު މަގުސަދައަށް ވާން ޖެހޭނީ މިވެރިކަން ދެމެހެއްޓުން ކަމަށެވެ. އަދި ސަރުކާރު ބަލިކަށިވާ ގޮތަށް ޕާޓީގެ ތެރެއިން އެއްވެސް ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދު އާއި ރައީސް ސޯލިހާ ދެމެދު ހިޔާލު ތަފާތުވެފައިވާތީ އެކަމާ އިޝާރާތްކުރައްވާ އަސްލަމް ވިދާޅުވީ ރައީސް ނަޝީދު ފާޅުކުރައްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު ޚިޔާލު ކަމަށެވެ. އެ މަނިކުފާނު މަސައްކަތްކުރައްވާނެ ގޮތް އެނގިވަޑައިގަންނަވާނީ އެމަނިކުފާނަށް ކަމަށާއި، އެކަމަށް ކޮމެންޓެއް ނުކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްލަމް ދެއްކި ވާހަކަތަކަށް ރައްދު ދެއްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރު އޮތްކަމަށް ފާޅުގައި ވާހަކަދައްކަން ކެރޭ ހަމައެކަނި ލީޑަރަކީ ރައީސް ނަޝީދު ކަމަށާއި އެމަނިކުފާނު ދައްކަވާ ވާހަކަތަކަށް އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ފާޑުކިޔާ ބަސް ނުބުނެވޭނެ ކަމަށެވެ.
"ކަރުކަށި ފިކުރުގެ ވާހަކަދައްކަވާ ހަމައެކަނި ލީޑަރު، ބޮންގޮއްވާ ޒަޙަމްކޮށްލުމުން، އެޙާލުކޮޅުގައި އޮންނަވައިގެން، އެ ހާލަތަށް ގައުމު ދިޔަ ސަބަބާއި ޙައްލުކުރަން ފަސްޖެހެމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުން،ދެން އެކަމުގައި މި ޕާޓީގެ ވަކި އެހެން މީހަކަށް ދެއްކެން އޮންނާނީ ކޮން ވާހަކައެއް؟" އިންތި ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ރައީސް މައުމޫންގެ ދިގު 30 އަހަރުގައި ކުރެވި ކަމަކީ ވެރިކަން ދެމެހެއްޓުން ކަމަށެވެ. ނަމަވެސް އެމްޑީޕީން ވެރިކަމަށް އަންނީ އެ އުސޫލުން ވެރިކަން ކޮށްލީމޭ ބުނަން ނޫން ކަމަށް ވަހީދު ވިދާޅުވި އެވެ.
ވަހީދު އިތުރަށް ވިދާޅުވީ އެމްޑީޕީއަކީ ނަމަކަށް ވެރިކަން ކޮށްލައި، ތިމަންނާމެން މިތިބީ ވެރިކަން ކޮށްފައޭ ބުނާ އުސޫލުން ވެރިކަންކުރާ ބައެއް ނޫން ކަމަށެވެ.
"ރައީސް މައުމޫނު ވެސް 30 އަހަރު ވަންދެން ކުރެއްވީ ތިޔަކަންތައް ދެއްތޯ؟ އެކަމު އެމްޑީޕީން އައީ ވަކި ސިޔާސަތުތަކެއް މައްޗަށް އެކުލެވޭ، ވަކި ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދޭން ވަޢުދުވެގެން، އެކަންކަން ފުއްދައިދިނުމަށް ޓަކައި ވެރިކަން ކުރާން. ނަމަކަށް ވެރިކަމެއް ކޮށްލާކަށް ނޫން،" ވަހީދު ވިދާޅުވި އެވެ.
ވެރިކަން ލިބުމުން ވެރިކަން ދިފާއު ކުރެއްވުމަށް އެމްޑީޕީން މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވެ އަސްލަމް ދެއްކެވި ވާހަތަކާއި ގުޅިގެން އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ގިނަ ބޭފުޅުން ދަނީ އަސްލަމަށް ސޯޝަލް މީޑިއާގައި ރައްދު ދެއްވަމުންނެވެ.
ރައީސް ނަޝީދު އާއި ރައީސް ސޯލިހާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވާކަން ހާމަކުރެއްވުނު ހިސާބުން ފެށިގެން އެމްޑީޕީ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފަ އެވެ.
ރައީސް ނަޝީދަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި އާންމު މެމްބަރު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.
ރައީސް ސޯލިހަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުންނާއި މިނިސްޓަރު ރައީސް ސޯލިހުގެ ދިފާއުގައި ވަނީ ނިކުމެފަ އެވެ.
ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާއާއި ގުޅިގެން ތަހުގީގް ކުރިއަށްދާ ގޮތުންނާއި، އަދި ސަރުކާރުން މަޖިލީހަށް ހުށަހެޅި ނަފްރަތު ބިލަށް ސަރުކާރުން ތާއީދު ނުކުރުމުން ރައީސް ނަޝީދުވަނީ މިސަރުކާރަށް އެމަނިކުފާނުގެ އެއްވެސް ތާއީދެއް ނޯންނާނެ ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ސިޔާސީ ގޮތުން އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދު ވަނީ ސަރުކާރު ކޯލިޝަންއާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންއާއެކު އެމްޑީޕީން ބައިއަތު ހިފުމަކީ ގައުމަށާއި ރައްޔިތުންނަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ.
އަހަރެމެންވެސް ރުޅި