މަދު ބަޔަކު ނިކުމެ ޗައިނާ އާ ދެކޮޅަށް އިއްޔެ މާލޭގައި ކުރި މުޒާހަރާއަށް ފަންޑުކުރީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފި އެވެ.

އެ މުޒާހަރާއަށް ފަންޑުކުރީ މެމްބަރު ހުސައިިން ކަމަށް ވަނީ އަޑު ވަނީ ފެތުރިފަ އެވެ. އަދި މިކަމުގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ބަޔަކު އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

މުޒާހަރާގައި ބައިވެރިވި ބައެއް ޒުވާނުން ބުނީ މި މުޒާހަރާއަށް ނުކުމެފައި ވަނީ ލާރިކޮޅެއް ލިބުމުން ކަމަށާއި، އެ ކަމަށް ފަންޑުކުރީ ސިޔާސީ އިސްފަރާތަކުން ކަމަށެވެ.

"އަހަރެންގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ. ތިއީ ބަޔަކު ދައްކާ ވާހަކައެއް. ތިޔަ ކަމަކާ އެއްވެސް ފަރާތްތަކާ ވާހަކައެއް ނުދައްކަން،" އެ ތުހުމަތުތައް ދޮގުކުރައްވަމުން އޭނާ ވިދާޅުވި އެވެ.

މެމްބަރު ހުސައިން އެގޮތަށް ވިދާޅުވީ އިއްޔެ ހެންވޭރު އާޓިފިޝަލް ބީޗް ކައިރީގައި ހުންނަ ޗައިނާ އެމްބަސީ ދޮށަށް ވިއްސަކަށް ޒުވާނުން އެއްވެ އަޑު އުފުލާފައިވަނީ އޭނާ ފަންޑުކޮށްގެން ދެކެވޭ ވާހަކައަށް ރައްދު ދެއްވަމުންނެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރި ބައެއް ބުނެފައި ވަނީ ޗައިނާއަކީ ލޯނު ޝާކެއް ކަމަށާއި އެ ގައުމުން ދަނީ ބިން ފޭރެމުން ކަމަށެވެ. އަދި ޗައިނާގެ ނުފޫޒު ހުއްޓަވަން ޖެހޭ ކަމަށް ވެސް އެ ޒުވާނުން ދިޔައީ ގޮވަމުންނެވެ.