ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ޓެރެރިސްޓް ހަމަލާއާ ގުޅޭ މައުލޫމާތުތަކެއް ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ފުލުހުން ނިންމައިފި އެވެ.

ފުލުހުން ބުނީ މިދިޔަ މޭ މަހު ހަ ވަނަ މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ 8:40 ގައި އޮންނާނެ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާނީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ކަމަށް ފުލުހުން ބުންޏެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައި ވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހު އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައިވަނީ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ 8:20 ހާއިރު އެވެ. މި ހަމަލާ އެމަނިކުފާނަށް ދީފައި ވަނީ، ގެއިން ނިކުންނަވާ، ކާރުކޮޅަށް އަރައިވަޑައިގަތުމަށް ދަނިކޮށް އެސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި އެއްޗެއް ގޮއްވާލައިގެންނެވެ.

މި ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ އިންކުއަރީ ރިޕޯޓެއް ތައްޔާރުކުރުމަށް ފަހު ރައީސް ސޯލިހަށާއި އުއްތަމަ ފަނޑިޔާރަށް އަރުވާފަ އެވެ.