ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މޭ ހަވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައި ތިބި އެންމެންގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވީ މި ހަމަލާއާއި ގުޅިގެން 10 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވާ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުއްވާފައިވާ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ. އެގޮތުން މިހާރު ދައުވާ ކުރަން ފޮނުވާފައި ވަނީ އަދުހަމް އަހުމަދު ރަޝީދު (26) ހިޔާ، ވ. ތިނަދޫ، މުޖާޒު އަހުމަދު (21) މއ. ފޭރުގެ، ތަހުމީން އަހުމަދު (32) ގއ. ކޮނޑޭ، ފޮޅޭމާ، އަހްމަދު ފާތިހު (23) ލ. ގަން، ދުންފިނިއުފާ އެވެ.

މިމައްސަލާގައި ދެން ހައްޔަރު ކޮށްފައިވާ ތިބި މީހުންގެ ވަނަވަރު ހާމަކުރައްވަމުން ސީޕީ ހަމީދު ވިދާޅުވީ މިހާރު ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހުން ހިމެނޭ ކަމަށެވެ. އެގޮތުން ހައްޔަރުކޮށްފައި ވަނީ ނ. މަނަދޫ ނޫރީގެ، އަލީ ހައިޝަމާއި، ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީއާއި އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމާއި، ހއ. މުޅަދޫ، ބަހާރުގެ، އަބްދުﷲ އަލީ މަނިކެވެ.

އެ މީހުންގެ ތެރެއިން މި ހަމަލާގައި އެންމެ ބޮޑަށް ޝާމިލުވެ މޭސްތެރިންގެ ދައުރު އަދާކުރި ކަމަށް ފުލުހުން ތުހުމަތުކުރާ ތިން މީހުންނަކީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ ތަސްލީމާއި އިސްހާގާއި އަލީ ހައިޝަމް ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

ފުލުހުން ވަނީ މިރޭގެ ބައްދަލުވުމުގައި އެތަނުން ކޮންމެ މީހަކު ހަމަލާގައި އަދާކުރި ދައުރުތަކާ ގުޅޭގޮތުން ވެސް ތަފްސީލު ދެއްވައިފަ އެވެ.

މި ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ އެ ހަމަލާގައި ވަކި ބަޔަކު ފަންޑު ކުރިކަން ފާހަގަ ކުރެވިފައިނުވާ ކަމަށެވެ. އަދި ހަމަލާ އެމީހުން ދީފައި ވަނީ އެ މީހުން ގަބޫލުކުރާ އުސޫލުތަކެއްގެ ސަބަބުން ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހަމަލާ ދިން ފަރާތްތަކަކީ އައިއެސްގެ ފިކުރަށް ތާއީދުކުރާ، އައިއެސްގެ ފިކުރު ރާއްޖޭގައި ފަތުރަން މަސައްކަތްކުރާ ބައެއް ކަމަށެވެ. އަދި އެ މީހުން ދިވެހި ދައުލަތް ގަބޫލެއް ނުކުރާ ކަަމަށާއި، އެ މީހުން ދެކެނީ ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށް ރިޔާޒު ވިދާޅުވި އެވެ.