ހުސްނުހީނާ މަގަށްވާ ގޮތަށް އޮލިމްޕަސް ގޯތި ތެރޭގައި ހުރި ގަސްތައް ކަނޑާލީ އީޕީއޭގެ ހުއްދަ ލިބިގެން ކަމަށް ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ)އިން ބުނެފި އެވެ.

އެންސީއޭއިން މިހެން ބުނީ އޮލިމްޕަސް ގޯތިތެރޭގައި ހުރި ބޮޑެތި ބިޔަ ގަސްތައް ކަނޑާލުމާއި ގުޅިގެން ގިނަ ބަޔަކު ނުރުހުން ސޯޝަލް މީޑިއާގައި ފާޅުކުރުމާ ގުޅިގެން އެކަމަށް ރައްދު ދިނުމުގެ ގޮތުން ކުރި ޓުވީޓެއްގަ އެވެ.

އޮލިމްޕަސް ބަލަހައްޓަމުން އަންނަ އެންސީއޭ އިން ބުނީ އެ ގަސްތައް ކަނޑާލަން ޖެހުނީ އެ ގަސްތަކުގެ މޫތަކުގެ ސަބަބުން އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ ކަމަށެވެ. އަދި އެ ގަސްތައް ކެނޑުމަށް ބޭނުންވާ ހުއްދަ ވެސް އީޕީއޭ އިން ހޯދާފައި ވާނެ ކަމަށް އެންސީއޭ އިން ބުންޏެވެ.

"އީޕީއޭގެ ލަފައާ އެއްގޮތަށް މި ގަސްތަކުގެ ބަދަލުގައި އިތުރު ގަސް އިންދުމަށް ވަނީ ހަމަޖެހިފައި،" އެ ސެންޓަރުން ބުންޏެވެ.

ގަސްތައް ކަނޑާލިއިރު، މިދިޔަ އަހަރު ފެށިގެން އެންސީއޭއިން އަންނަނީ އޮލިމްޕަސް އިމާރާތް އަލުން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކޮވިޑާ ގުޅިގެން ރާއްޖޭގައި ހުރި އެންމެ ބޮޑު ސިނަމާ މިއަދާ ހަމައަށް ހުރީ ބަންދު ކޮށްފަ އެވެ.