ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ ވަރަށް ސީރިއަސްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެންގެވިކަން ފުލުހުންގެ ތަހުގީގުން ހާމަވެގެން ގޮސްފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން މަގާމުން އެކަހެރި ކުރައްވާފައިވާ ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވީ ފުލުހުންގެ ތަހުގީގުން ޔަގީންވި އެއްކަމަކީ ސަރުކާރުން އަދި ރައީސް ސޯލިހް މިމައްސަލަ ވަރަށް ސީރިއަސްކޮށް ނެންގެވިކަން ކަމަށެވެ.

އަނިޔާވެރި ހަރުކަށި ފިކުރު ނައްތާލަންޖެހޭ ކަމަށާއި، އެކަން ކުރަންވާނީ ހުރިހާ ސިޔާސީ ޕާޓީތަކާއި ދީނީ އިލްމުވެރިންނާއި އަދި ރައްޔިތުންގެ ވެސް ބައިވެރިވުމާއެކު ކަން މަހުލޫފް ފާހަގަކުރެއްވި އެވެ.

"އަނިޔާވެރި ހަރުކަށިފިކުރު ނައްތާލަންޖެހޭ،އެކަން ކުރަންވާނީ ސިޔާސީ ޕާޓީ ތަކާއި ދީނީ އިލްމުވެރިންނާއި ރައްޔިތުންގެ ބައިވެރިވުމާއެކު."
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު

މިދިޔަ މޭ މަހު ހަ ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ދިހަ މީހަކު ހައްޔަރު ކޮށްފައިވާއިރު ހަތަރު މީހަކު މައްޗަށް މިހާރު ވަނީ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުއްވާފަ އެވެ. އަދި މިހަމަލާ ރޭވުމުގައި އިސް ދައުރެއް އަދާކުރި މީހަކު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅުން ފުލުހުންގެ ތަހުގީގަށް ތައުރީފް ކުރައްވާއިރު ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުންނާއި ބައެއް ބޭފުޅުން މިމައްސަލާގައި އަދިވެސް ފުލުހުންގެ ތަހުގީގާއިމެދު ސުވާލު އުފައްދަ އެވެ. އެގޮތުން މިކަމަށް ފަންޑު ކުރީ ކާކުކަން މިހާތަނަށް ވެސް ފުލުހުންނަށް ހޯދިފައި ނުވާކަމަށް ދަނީ ބުނަމުންނެވެ. ނަމަވެސް ފުލުހުން ބުނެފައި ވަނީ މިމައްސަލައިގެ މިހާތަނަށް ކުރި ތަހުގީގުން މިކަމަށް ވަކި ފަންޑެއް ކޮށްފައިވާކަން އެގިފައިނުވާ ކަމަށެވެ.

ރައީސް ނަޝީދަށް ދެނުނު ހަމަލާގައި މިހާތަނަށް ކުރި ތަހުގީގާއި، ފުލުހުން ކުރި މަސައްކަތް ރޭވަނީ ވަރަށް ތަފްސީލުކޮށް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްދެއްވާފަ އެވެ.