ދިވެހިންނަކީ މިނިވަންކަމުގެ ފަޚުރުވެރި މާޒީއެއް އޮތް ބައެކެވެ. ދިވެހިންނާ ބެހޭގޮތުން އެނގެން އޮތް އެންމެ ދޮށީ ތާރީޚަކާ ހަމަޔަށް ވެސް ދިވެހީންނަކީ އަމިއްލަ މުސްތަގިއްލު ވެރިކަމެއް ކުރަމުން އައި ބައެކެވެ. ދިވެހިން މިއަދު އެ ގައުމެއްގެ އަޅުވެތިކަމުން މިންޖުވުމުގެ އުފާ ފާޅުކުރާ އިނގިރޭސިވިލާތް ރޯމަނުންގެ އަޅުވެތިކަމުގެ ދަށުގައި އޮތްއިރު ވެސް ދިވެހިން ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތް ކަމަށްވެ އެވެ.
ދިވެހިންގެ މިނިވަންކަމުގެ ތާރީޚު ކިތަންމެ ދިގު ކަމަށް ވިޔަސް އެ މިނިވަންކަމަށް ކޮންމެ ވެސް ވަރެއްގެ ކިލަނބުކަމެއް އައި ދުވަސްތަކެއް މާޒީގެ ސަފުހާތަކުގެ ތެރެއިން ފެންނަން އެބަ އޮތެވެ. އޭގެ ތެރެއިން ކޮންމެ ފަހަރަކު ވެސް މިނިވަންކަން ގެއްލިފައި ވަނީ ދިވެހިންގެ ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ކޮންމެ ވެސް ބޭރު ބައެއްގެ އެހީތެރިކަން ހޯދުމުންނެވެ. ރަސްކަމުގެ ކޮއިލު ތެރޭގައި ހިނގާ ތަޅާފޮޅުން ކޮއިލުން ބޭރުވެ، އަވަށްޓެރި ބާރުގަދަ ގައުމުތަކުގެ މަދަދަށް އެދުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ރާއްޖޭގެ ފެންނަން އޮތް ތާރީޚުގެ އެކި ދުވަސްވަރު މިބާވަތުގެ އެކި ހާދިސާތަކުގައި ދިވެހިންގެ މިނިވަންކަމަށް ބުރޫ އަރައިފައިވާ ތަން ފެންނަން އެބަ އޮތެވެ. އެކި ފަހަރު އެކި މިންވަރަށެވެ. އެއިން ކޮންމެ ފަހަރަކު ވެސް ދިވެހިންގެ ތެރެއިން ހިތްވަރުގަދަ ބަޔަކު ނުކުމެ ބޭރުގެ ބާރުތައް ގައުމުން ފައްސާލައި މިނިވަންކަން އަލުން ހޯދައިދެ އެވެ. އެފަދަ ބަތަލުންގެ ނަންތައް ތާރީޚުގައި ފާހަގަ ކުރެވިފައި އެބަހުއްޓެވެ.
ރާއްޖޭގެ މިނިވަންކަމާ އެކިފަހަރު މަތިން ބޭރުގެ ފަރާތްތަކުން ތޮޅުނު ކަމުގައި ވިޔަސް ރާއްޖެ އަޅުވެތިކޮށް ރާއްޖެއަކީ އެ މީހުންގެ އަމިއްލަ ތަނެއްކަމުގައި ދައުވާކޮށް ރާއްޖޭގައި އެ މީހުންގެ އަމިއްލަ ވެރިކަން ހިންގާފައި ވަނީ ވަރަށް މަދު ފަހަރަކު އެވެ. ނުވަތަ ވަރަށް ކުޑަ ދުވަސް ކޮޅެއްގަ އެވެ. ހަގީގަތުގައި ދިވެހި ރާއްޖޭގެ ތާރީޚު ލިޔުއްވި އަލްގާޒީ ހަސަން ތާޖުއްދީނުގެ ދެ ދަރިކަލުންގެ ދައުވަތަކަށް ރާއްޖެ އައިސް ރާއްޖެ ހިފި މަލަބާރުން ފިޔަވާ އެހެން ބަޔަކު ރާއްޖެ، އެ މީހުންގެ ބައެއްގެ ގޮތުގައި ދައުވާކޮށް އެ މީހުންގެ ވެރިއަކުގެ ދަށުން ރާއްޖެ ހިންގާފައެއް ނުވެ އެވެ. އެހެނަސް ރާއްޖެ ހިފުމަށްފަހު މަލަބާރުނަށް ރާއްޖޭގައި މާގިނަ ދުވަހަކު ފައިހަރު ކޮށްގެން ތިބެވިފައެއް ވެސް ނެތެވެ. މިކަމުގެ އެންމެ ބޮޑު ސަބަބަކަށްވީ ރާއްޖެއަށް ނުފޫޒު ފޯރުވި ނުވަތަ މިނިވަންކަމާ ތޮޅުނު އެހެން ބާރުތަކާ ޚިލާފަށް މަލަބާރުން ރާއްޖޭގެ ވެރިކަމުގެ ތެރެއަށް ދިވެހިން ނުވެއްދުމެވެ.
ރާއްޖެ ހިފުމަށްފަހު އެ މީހުނަށް އެކަމަށް އެހީވެދިން ތާޖުއްދީނުގެ ދެދަރިން މަރާލައި ރާއްޖޭގައި މަލަބާރީންގެ ރަސްގެފާނުގެ ފަރާތުން ވެރިކަމާ ހަވާލު ކޮށްފައި ބެހެއްޓީ މަލިކު މީހެކެވެ. އެހެންކަމުން ރާއްޖޭގެ ހިންގުމުގެ ދާއިރާގައި ދިވެހިންގެ އެހީތެރިކަމެއް ނެތުން، ވީ އެ މީހުންގެ އަތްދަށުން ގައުމު ސަލާމަތްކުރުމަށް ދިމާވި ފަސޭހަ އަކަށެވެ. ތާރީޚުގައި މިނިވަންކަމުގެ ބަތަލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މުލީގޭ ދޮން ހަސަން މަނިކުފާނު ނުވަތަ ދޮން ބަންޑާރައިން ރާއްޖެ ސަލާމަތް ކުރެއްވުމަށް ނިކުންނެވި އިރު ރާއްޖޭގައި ތިބި މަލަބާރީންނަށް ވާގިދީ އެ މީހުންނަށް އެހީތެރިވާނޭ ދިވެހިންގެ ބަޔަކު ތިބި ކަމަކަށް ނުވެ އެވެ. ގާތްގަނޑަކަށް ތިންމަހާ ދުވަސްކޮޅަކަށް ދެމިގެން ދިޔަ މަލަބާރުންގެ ވެރިކަމަކީ ދިވެހިންނަށް ދައުލަތެއްގެ ގޮތުގައި އޮތުމުގެ ބާރު ގެއްލި އެހެން ގައުމެއްގެ ބައެއްގެ ގޮތުގައި ރާއްޖެ އޮތް ހަމަ އެކަނި ދުވަސްކޮޅެވެ.
ދިވެހި ގައުމުގެ މިނިވަންކަމަށް ބުރޫއެރި މަދު ފަހަރުތަކުގެ ތެރެއިން ތާރީޚުގައި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ދުނިޔޭގެ އެ ދުވަސްވަރުގެ އެންމެ ބާރުގަދަ އެއް ގައުމު ކަމަށްވާ ޕޯޗްގީޒުންގެ އަތްދަށުގައި ދިވެހިން ތިބި 15 ވަރަކަށް އަހަރެވެ. ޕޯޗްގީޒުންގެ އަތްދަށަށް ރާއްޖެ ދިޔަ ދިއުމަށް ބަލާއިރު ވެސް ފެންނަން އޮތް ހަގީގަތަކީ އެކަމަށް ސަބަބު މެދުވެރިކޮށް ދިނީ ދިވެހިން ކަމެވެ. ހިލާލީ ދަރިކޮޅުގެ ރަސްރަސްކަލުންގެ މެދުގައި ވެރިކަމުގެ ތަޚުތާ މެދު އުފެދެމުން ދިޔަ ތަޅާފޮޅުންތަކުގެ ނަތީޖާއަކަށްވީ އޭގެ ތެރެއިން ބައެއް ރަސްރަސްކަލުން ވެރިކަން ދިފާއު ކުރެއްވުމަށް ޕޯޗްގީޒުންގެ އެހީތެރިކަން ހޯދުމެވެ. އެގޮތުން ވެސް ވެރިކަމުގެ ތެރޭގައި އޮތް ކޯޅުމަށް ނިމުމެއް ނައިސް ތާރީޚުގައި މަޝްހޫރު ހަސަން 9ވަނަ ރާއްޖެ ދޫކުރައްވައި އިންޑިއާއަށް ވަޑައިގެން ކްރިސްޓިޔަން ދީން ޚިޔާރު ކުރެއްވުމްށް ފަހު، ޕޯޗްގީޒުންގެ ލަޝްކަރެއް ރާއްޖެ ފޮނުވައި ރާއްޖެ ހިފި ހިފުމަކީ ޕޯޗްގީޒުންގެ އަޅުވެތިކަމަށް ދިވެހިން ދިޔަ ދިއުމެވެ. އެކަމަކު ޕޯޗްގީޒުން ރާއްޖޭގައި ވެރިކަންކުރީ ރާއްޖޭގެ ރަސްގެފާނުގެ ނަންފުޅުގަ އެވެ.
ގޯއާގައި އޮތް ޕޯޗްގީޒު ސަރުކާރުގެ ފަރާތުން ރާއްޖޭގައި ގަވަރުނަރަކު ހުރި ކަމުގައި ވިޔަސް ދިވެހި ދައުލަތް ހިނގަމުން ދިޔައީ ނުވަވަނަ ހަސަން ރަސްގެފާނުގެ ނަންފުޅުގަ އެވެ. ރާއްޖެއިން ގޯއާއަށް ފޮނުވަމުން ދިޔަ ޖިޒީއެއް ފޮނުވަމުން ދިޔައީ އެ ރަސްގެފާނުގެ ނަންފުޅުގަ އެވެ. ދިވެހި ރާއްޖޭގެ ވެރިކަން ހިންގަމުން ދިޔައީ ދިވެހިންގެ ތެރެއިން އެ މީހުންނާ ބައިވެރިވި ގިނަ ބައެއްގެ އެހީތެރިކަމާ އެކު އެވެ. އެހެން ކަމުން ޕޯޗްގީޒުންގެ ދަށުގައި ދިވެހި ރާއްޖެ އޮތް 15 އަހަރެއްހާ ދުވަހަކީ ވެސް ރާއްޖެ ގައުމެއްގެ ގޮތުގައި މިނިވަންކަން ގެއްލި ބޭރު ބައެއްގެ އަޅުވެތިކަމުގެ ދަށުގައި އޮތް ދުވަސްވަރެއް ނޫން ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.
ޕޯޗްގީޒުންގެ އަތްދަށުން ގައުމު ސަލާމަތް ކޮށްދެއްވީ އުތީމު މުހަންމަދު ތަކުރުފާނެވެ. އެތަކުރުފާނު ރާއްޖެ ސަލާމަތްކުރެއްވުމަށް ކުރެއްވި މަސްއްކަތްޕުޅުގައި ވެސް ބޭރުގެ އެހީ ހޯއްދެވި އެވެ. މަލަބާރުންގެ ބާރުގެ ދަށުގައި އޮތް މަލިކުގައި އާއިލާ ސަލާމަތްކަމާއެކު ބޭތިއްބުމުގެ އިންތިޒާމު ހަމަ ޖެހުނީ އަލީރާޖާގެ އެހީތެރިކަމާ އެކު އެވެ. ހަމަ އެފަދައިން ކަނޑުމަތީގެ ޕޯޗްގީޒުންނާ ހަނގުރާމަކުރުމަށް ވެސް އަލީރާޖާގެ ލަޝްކަރުގެ އެހީތެރިކަން ލިބުނެވެ.
ތާރީޚުގައި މަޝްހޫރު ދެ ހާޖީންނަކީ އެއިގެ ތެރެއިން ބައެކެވެ. އެހެންކަމުން ބޮޑުތަކުރުފާނު ޕޯޗްގީޒުންގެ އަތްދަށުން ސަލާމަތްކުރައްވައި ދެއްވިކަމަށް ވިޔަސް ބޭރުގެ ނުފޫޒުން ސަލާމަތްވެ ވަޑައިގެންނެވޭ ގޮތެއް ނުވި އެވެ. އިންޑިއާގެ އައްސޭރިފަށުގައި ވެރިކަން ކުރަމުން ދިޔަ އަލީރާޖާ އާއި ޕޯޗްގީޒުންނާއެކު އެއްބަސްވުންތައް އެކުލަވައި އެދެ ފަރާތަށް ވެސް ރާއްޖޭގެ ވެރިކަމުގެ ފަރާތުން ޖިޒީދިނުން ފަދަ ކަންތައް ކުރަން ޖެހުނެވެ.
ޕޯޗްގީޒުންނަށްފަހު ދިވެހިންގެ މިނިވަންކަން ގެއްލުނީ އެ ދުވަސްވަރުގެ ދުނިޔޭގެ އިސްތިއުމާރީ އެންމެ ބޮޑު ބާރުކަމަށްވާ އިނގިރޭސީންގެ އަތް މައްޗަށެވެ. ޕޯޗްގީޒުންނެކޭ އެއްފަދައިން އިނގިރޭސިން ވެސް ރާއްޖޭގައި އެ މީހުންގެ ވެރިކަމެއް ނުހިންގަ އެވެ. އެ މީހުން ކުރިކަމަކީ ދިވެހި ދައުލަތަށް ބޭނުންވާ ހިމާޔަތް ދިނުމެވެ. އެ ހިމާޔަތް ދޭން ޖެހުނީ ދިވެހި ދައުލަތް ހިންގަން އެދުވަސްވަރު ތިއްބެވި ބޭބޭފުޅުން އެކަމަށް އެދުމުންނެވެ.
އިނގިރޭސިން އިންޑިއަން ސަބް ކޮންޓިނެންޓްގެ ބޮޑު ބައެއް ހިފައި އިނގިރޭސިވިލާތުގެ ބައެއްގެ ގޮތުގައި އެ ހިސާބުގައި ވެރިކަންކުރި ދުވަސްވަރަކީ ރާއްޖޭގެ ވެރިކަމުގެ ކޮއިލުތެރޭގައި ކޯޅުން ބޮޑު ދުވަސްވަރެކެވެ. ރާއްޖޭގެ ރަސްދަރިކޮޅުތަކުގެ ތެރެއިން އެންމެ ފަހަށް ރަސްކަން ކުރި ދަރިކޮޅުކަމުގައިވާ ހުރަވީ ދަރިކޮޅު ބައިބައިވެ ދެތިން އާއިލާއެއްގެ މައްޗަށް ބެހި ވެރިކަމާ ހެދި ގަދަ ހިފުންތަކެއް ހިފަމުން ދިޔަ ދުވަސްވަރެކެވެ. މީގެ ތެރެއިން އެންމެ ބާރުގަދަވި އަތިރީގޭ އާއިލާ އާއި ކަކާގޭ އާއިލާ ވެރިކަމާ ހިފި ހިފުމަކީ އިނގިރޭސިން ރާއްޖެ އާ ބެހެން މަގުފަހިކޮށްދިން ސަބަބެވެ.
މި ދެ އާއިލާގެ މެދުގައި ހިނގާދިޔަ އަރައިރުމުގެ ތެރެއިން ވެރިކަމުގެ ބާރު ހޯދަން އަތިރީގޭ އާއިލާއިން އިނގިރޭސިންގެ އެހީތެރިކަން ހޯދުމަށް ނިންމި ނިންމުމަކީ އެކަމުގެ ސަބަބެވެ. ދިވެހިންނަށް ހުރިހާ ގޮތަކުން ވެސް ފައިދާ ބޮޑުވެގެންވަނީ އިނގިރޭސިން ފަދަ ބާރުގަދަ ބައެއްގެ ހިމާޔަތުގެ ދަށުގައި ތިބެގެންކަމުގައި ބުނެ އިނގިރޭސިންގެ ހިމާޔަތަށް އެދި ފޮނުވުނު ސިޓީއަކީ މަޝްހޫރު ސިޓީއެކެވެ.
ވެރިކަމުގެ އާރާއި ބާރުގެ ދަހިވެތިކަމުގައި އަތިރީގޭ އާއިލާއިން އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިވެހިން ގެންދިޔަ ގެންދިޔުމާ ބެހޭ ގޮތުން ތާރީޚު ލިޔާ މީހުން މާބޮޑު ވާހަކައެއް ނުދައްކާކަން ފާހަގަކުރެވެ އެވެ. އޭގެ އެންމެ ބޮޑު ސަބަބެއް ކަމަށް ފާހަގަކުރެވެނީ އެ އާއިލާގެ ސިޔާސީ ބާރުވެރިކަމުގެ ފެށުން ކަމަށް ދޮންބަންޑާރައިންނަށް ދިވެހިންގެ ހިތްތަކުގައި އުފެދިފައިވާ ލޯތްބާއި އިހުތިރާމެވެ. ނަމަވެސް އިނގިރޭސިން ރާއްޖެ ގެނައުމުގައި އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނާއި އެކިލެގެފާނުގެ ދަރިކަލުން އަހުމަދު ދޮށިމޭނާކިލެގެފާނު އަދާކުރެއްވި ދައުރަކީ ފަސްއަޅާ ފޮރުވާލެވޭ ވަރަށް ވުރެ ފާޅުކަން ބޮޑު ދައުރެކެވެ.
ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔަ ދިޔުމުގައި ހިނގާދިޔަ ހާދިސާތަކަށް ބަލާއިރު މިފަދަ މުނާސަބަތެއްގައި ކޮންމެހެން ފާހަގަ ކޮށްލަން ޖެހޭ މުހިންމު ނުކުތާއެއް ފާހަގަނުކޮށް ދޫކޮށްލެވޭ ކަމަށް ފެނެ އެވެ. ހިމާޔަތުގެ އެގްރީމެންޓް ތައްޔާރުކޮށް އެ އެގްރީމެންޓުގައި ސޮއިކުރުމަށް އިންގިރޭސިން ފުރަތަމަ ރާއްޖެ އައިސް އެކަން ނުވެ އަނބުރާ ދާން ޖެހުނެވެ.
އިނގިރޭސިންގެ ލިޔުންތަކުން ފެންނަން އޮތް ގޮތުގައި އެ ފަހަރު އެގްރީމެންޓުގައި ސޮއިނުކުރެވުނީ ރާއްޖޭގެ ފަނޑިޔާރު މަނިކުފާނު އެކަމާ އެއްބަސްވެ ވަޑައިނުގެންނެވުމުގެ ސަބަބުންނެވެ. މިތަނުގައި މި ފާހަގަކުރާ ފަނޑިޔާރަކީ ފުވައްމުލަކު އެޅަތޮށިގޭ އީސާ ނައިބު ތަކުރުފާނުގެ ދަރި މުހައްމަދު ޖަމާލުއްދީނު އީސަލް މުލަކީ (ނައިބު ތުއްތު) އެވެ. ދިވެހި ރަސްކަމުގެ ކަންތައް އޭރު ހަމަ ޖެހިފައި އޮތް ގޮތުން ބޭރު ބަޔަކާއެކު ކުރެވޭ އެއްބަސްވުމެއްގައި ފަނޑިޔާރަކަށް ހުންނަވާ ބޭފުޅެއްގެ ރުހުން ލިބެން ޖެހެ އެވެ. އެގްރިމެންޓުގައި ސޮއިކުރަން ރުހުން ނުދިނުމުގެ ސަބަބުން ނައިބު ތުއްތު ފަނޑިޔާރުކަމުން ވަކިކޮށް ބ. ފެހެންދުއަށް އަރުވާލުމަށްފަހު ދިވެހިން އިނގިރޭސިންގެ ހިމާޔަތުގެ ދަށަށް ދިޔަ އެއްބަސްވުމުގައި ސޮއިކުރެވުނެވެ. މި އެގްރީމެންޓާއެކު އަތިރީގޭ އާއިލާއަށް ދިވެހި ރާއްޖޭގެ ވެރިކަން ޔަގީންވި އެވެ. އެކަން އެގޮތުގައި އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ ސަލާމަތްވަންދެން ދެމި އޮތެވެ.
ގާތްގަނޑަކަށް 77 އަހަރު ދިވެހި ރާއްޖެ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ދެއްވީ ފުވައްމުލަކަށް އުފަން އެރަށު ނަޔާގޭ އާއިޝަތު ދީދީގެ އިބްރާހިމް ނާސިރެވެ. ނުވަތަ މަޝްހޫރު ވެލާނާގޭ ނާސިރެވެ. އިނގިރޭސިންނާއި ދިވެހިންނާ ދެމެދު ހިނގައި ދިޔަ އެތައް ކުރިމަތިލުމަކަށް ފަހު ހިމާޔަތުގެ އެގްރީމެންޓް އުވާލައި ރާއްޖޭގެ މިނިވަންކަމުގެ އެއްބަސްވުމުގައި ނާސިރު އިނގިރޭސި ސަރުކާރާއެކު ސޮއި ކުރެއްވީ 26 ޖުލައި 1965 ގަ އެވެ. އެ ތާރީޚީ ދުވަހަކީ ދިވެހިން މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިނިވަން ދުވަހުގެ ގޮތުގައި ޖުލައި 26 ފާހަގަ ކުރިކަމަށް ވިޔަސް ހަގީގަތުގައި އެ ދުވަހަކީ ބޭރު ބައެއްގެ އަޅުވެތިކަމުން ސަލާމަތްވި ދުވަހެކޭ ބުނެވޭކަށް ނެތެވެ. އޭގެ ބަދަލުގައި އެ ދުވަހަކީ ވެރިކަމުގެ ދަހިވެތިކަމުގައި ބޭރުގެ ބާރުތަކުގެ އެހީހޯދުން ރަސްމީ ސިފައެއްގައި ނިމުމަކަށް ގެނެވުނު ދުވަސް ކަމުގައި ބުނުން މާ އައުލާކަން ބޮޑެވެ.
2008 ގައި އަޅުގަޑު ހީކުރީ އެމްޑީޕީ އަކީ ހަޤީގަތުގައިވެސް ޑިމޮކްރަސީ ގެންނަން ފޮޅޭ ގުލްޗަމްޕާ މަލެއްކަމަށް، ފަހުން އަޑި ސާފުވެ އެގުނުއިރު މީހަމަ ރަސްކަން ކުރަން އުޅޭބައިގަޑެއް އިގިރޭސި ރާނީގެ ތައްޕާހުން ފެން ލިބިގެން ބޮޑުވެފައިވާ ސިދާ ރަނިކަމަނާއިން ތަކެއް ކޮންޓުރޯލް ކުރާ ލީޑާޝިޕެއް އޮންނަ ޕާޓީއެއް !
ކޮންމެ 50 އަހަރަކުން ދުނިޔޭގެ ކަންކޮޅު ތަކުގައި އިސްތިއުމާރުގެ ބޮންދުން ފާޅުވާނެ 2008 ގައި ރާއްޖޭގެ ވެރިކަމަށް އިސްކުރެވުނީވެސް އެފަދަ ބޮންދެއް، ! ބޮޑެތި ބާރުތަކުން އަދިވެސް އުޅެނީ ކުދި ޤައުމުތަށް އަޅުވެތިކުރަން !
އެމްޑީޕީގެ ލީޑާޝިޕަކީ ޕާޓީ މެމްބަރުންނަށް އޮޅުވާލައިގެން އިސްތިއުމާރީ ބާރުތަކު ފަންޑުކޮށްގެން ދިވެހިރާއްޖެ އިސްތިޢުމާރު ކުރަން އިގިރޭސިން އަޑީގައި ތިބެގެން އުފެއްދި ބައިގަޑެއް 30 އަހަރުގެ ސަރުކާރާއި ދެކޮޅަށް ސަރުކާރު ބަދަލްކުރަން 2008 ގެ އިންތިހާބަކީވެސް އަސްލު ރައްޔިތުން ބޮޑު އޮޅުމެއްގެ ތެރޭގައި ރުޅިވެރިކަމުގެ ތެރެއިން ހިގާދިޔަ އިންތިހާބެއް !