ޑްރާމާ ސީރީޒްތަކުން ބެލުންތެރިންގެ ހިތް އަތުލައިގަތް ކުޅަދާނަ ފަންނާނު ވަނީ ދާދި ފަހުން އަލަތު ދަރިފުޅަށް ބަލިވެއިންކަން ހިއްސާކޮށްފަ އެވެ. އަނީތާ ބަނޑުބޮޑުކަމަށް ބުނެ ގިނަ ބަޔަކު ވާހަކަ ދައްކަމުން ދާތާ ދުވަސްތަކެއްވެފައި ވަނިކޮށް، މިކަން ކަށަވަރުކޮށްދީފައި ވަނީ އަނީތާ އާއި ރޯހިތްގެ ދިރިއުޅުމުގެ ހަރުފަތްތައް ދައްކުވާލި ކުރު ވީޑިއޯއަކުންނެވެ.

މި ހަބަރު އިއުލާންކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާ ވެސް އަނީތާ މިވަނީ ދަރިފުޅާއި ބެހޭ އިތުުރު މައުލޫމާތުތަކެއް ފޭނުންނަށް ދީފަ އެވެ. އެ ދެމަފިރިންނަށް ލިބެނީ ފިރިހެން ކުއްޖެއްކަން ކަށަވަރު ކުރަމުން، ދަރިފުޅަށް ކިޔާނެ ނަމަކީ "ރަވީ"ކަން ވެސް މިހާރު ބުނެދީފި އެވެ. މިނަން ހިޔާރުކޮށްފައި ވަނީ ދުވަސްކޮޅެއް ކުރިން ނިޔާވި ރޯހިތުގެ ބައްޕަގެ ހަނދާނުގަ އެވެ.

އަނީތާ ބުނާގޮތުގައި އޭނާވަނީ މައިވަންތަަކަމުގެ އުފާތައް ހާސިލުކުރުމަށް ކެތްމަދުވެފަ އެވެ. އެހެންކަމުން އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ޑިއު ޑޭޓް ލިބިފައިވާއިރު، ކުރިޔަށް އޮތް ދުވަސްތަކުގައި ގިނަ ވަގުތު ހޭދަކުރަން ބޭނުންވަނީ އާއިލާއާއި އެކުގައި ކަމަށް އޭނާ ބުނެ އެވެ.

https://www.instagram.com/p/CGKbFMngAI8/

ބަނޑުބޮޑުވުމަށްފަހު މަސައްކަތްތަކުން އެކަހެރިވެ ހުރިކަން ހާމަކުރަމުން، އެންމެ ފަހުން ކުރެވުނު މަސައްކަތްތާއި ބެހޭ ގޮތުން އަނީތާ ބުނެފައިވަނީ ނާގިން 4ގެ މަންޒަރުތައް ކޮވިޑްގެ ދުވަސްވަރުގައި، ޖުލައި މަހު ނެގި އިރު ވަރަށް ފަރުވާތެރިވިކަމަށާއި ގިނައިން އޭގައި ހިމެނޭނީ އޭނާ އެކަނި ނަގާފައިވާ ކްލޯޒް-އަޕް ޝޮޓްތަކެއް ކަމަށެވެ. އެގޮތުން އޭނާއާއި ގިނަ މީހުން ބައްދަލު ނުވާނެހެން އިންތިޒާމްތައް ހަމަޖައްސާދިނުމަށް ޝޯ އުފެއްދި ފަރާތުން ސަމާލުކަންދިން ކަމުގައި އަނީތާ ފާހަގަކުރި އެވެ.