ބިދޭސީ ޓީޗަރުންނަށް ރާއްޖެ އައުމަށް ފަހު އަލުން ސްކޫލަށް ނިކުމެވޭނީ ފަސް ދުވަހުގެ ކަރަންޓީނަކަށް ފަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިހެން ބުނެފައި ވަނީ ސްކޫލުތަކުގެ ވެރިންނަށް ފޮނުއްވި ސިޓީއެއްގަ އެވެ.
އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުއްވި ސިޓީގައި އިތުރަށް ބުނެފައި ވަނީ އެޗްޕީއޭގެ މިންގަނޑަށް ފެތިގެން ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން ވެސް ރާއްޖެ އަންނަ ތާރީހުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. އަދި އެ ބިދޭސީ ޓީޗަރު ކަރަންޓީނުވާން ޖެހޭނީ އެމީހަކުދާ ރަށެއްގައި ކަމަށާއި ފަސް ދުވަސް ހަމަކުރުމަށްފަހު ސާމްޕަލް ނަގައި، ނަތީޖާ ނެގެޓިވްވުމުން ނޫނީ ސްކޫލަށް ނުނިކުމެވޭނެ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖެންސީ ބޭނުމަށް ލިސްޓު ކޮށްފައިވާ ކޮވިޑް ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުންނާއި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވިތާ 60 ދުވަސް ނުވާ ނަމަ، އެ މީހުންނަށް ރާއްޖެއައިސް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އެޗްޕީއޭ އިން ވަނީ އުސޫލަށް ބަދަލު ގެނެސްފަ އެވެ.
އެޗްޕީއޭއިން މި އުސޫލު އާންމުކުރުމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އެޗްޕީއޭއަށް އަމާޒުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެޗްޕީއޭއިން ހަދާފައިވާ އުސޫލާ ގުޅީގެން ގިނަ ކައުންސިލުތަކަކުން ކަންބޮޑުވުންތައް ކަމާބެހޭ އިދާރާތަކާއި ހިއްސާ ކުރަމުން އަންނަ ކަމަށާއި މިކަމާ ގުޅިގެން އެޗްޕީއޭއާ އެކު ކުރެވުނު މަޝްވަރާއަށް ފަހު ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން، އެ މީހުން އަންނަ ތާރީހުން ފެށިގެން ފަސް ދުވަހަށް ކަރަންޓީންކުރަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖެ އަންނަ ޓީޗަރުންނަށް އެކަން އެންގުމަށާއި ބޭރުން ޓީޗަރުން އައިސް އެގޮތަށް އަމަލުކުރަމުންދޭތޯ މޮނިޓާ ކުރުމަށް ވެސް މިނިސްޓްރީން ސްކޫލުތަކަށް ވަނީ އަންގައިފަ އެވެ.
ރާއްޖެ އިން ބޭރުން އަންނަ މީހުން މިހާރު ހުށަހަޅަން ޖެހެނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެކެވެ.