ﷲ ޚަލްޤު ކުރެއްވި މަޚްލޫގުންގެ ތެރެއިން އިނަސާނުން އެނޫން އެހެން ހުރިހާ މަޚްލޫގުންނާ ތަފާތުވާ ކަމަކީ އެބައި މީހުންނަށް ދެއްވާފައިވާ ބުއްދިއެވެ. ބުއްދީގެ ބޭނުން ހެޔޮގޮތުގައި ނުކުރާ ނަމަ، ޖަނަވާރުންނާ އެ މީހުންނާހުރީ ކޮން ތަފާތެއް ހެއެޔެވެ؟ ބުއްދީގެ ބޭނުންކޮށް ކަންކަމާ މެދު ވިސްނުމަށް ކީރިތި ޤުރުއާނުގައި ވަރަށް ގިނަ އިރުޝާދުތައް އައިސްފައިވެއެވެ. އަދި ވިސްނާ ފިކުރުކޮށް ހަދާ ބަޔަކީ ބުއްދީގެ އަހުލުވެރިންކަމުގައި އަންގަވާފައިވެއެވެ. ބަޤަރާ ސޫރަތުގެ 269 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ ﴿ وَمَا يَذَّكَّرُ إِلاَّ أُوْلُوا الأَلْبَابِ﴾ (البقرة: 269). މާނައީ:- " ބުއްދީގެ أهل ވެރިން މެނުވީ، ވިސްނައި ހަނދުމަކޮށެއް ނަހަދަތެވެ." މިއެވެ.
ބުއްދީގެ އަހުލުވެރިން އޭނާގެ ވަށައިގެން ހިނގާ ކަންކަމާމެދު ވިސްނައި ފިކުރު ހިންގައެވެ. ރޭދުއާ ދައުރުވުމާއި އުޑާއި ބިމާއި އޭގައިވާ ތަކެއްޗަށް ޚިޔާލުކޮށް ހަދައެވެ. މި ކަންކަމުގައި އެބައިމީހުންނަށް ހެކިތަކެއް ވާކަމުގައި ކީރިތި ޤުރްއާން ބަޔާންކުރެއެވެ. ﴿إِنَّ فِي خَلْقِ السَّمَاوَاتِ وَالأَرْضِ وَاخْتِلاَفِ اللَّيْلِ وَالنَّهَارِ لآياتٍ ِلأَولِي الأَلْبَابِ ﴾ (آل عمران: 190) މާނައީ:- "ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ أهل ވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ." މިއެވެ.
ބުއްދީގެ އަހުލުވެރިން މިކަންކަމާއި މެދު ވިސްނާ ގޮތާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން އެބައިމީހުންގެ ތަޤުވާވެރިކަން އިތުރުވެދާގޮތާއި، އޭގެފަހުން އެމީހުން ﷲގެ ޢަޛާބުން ސަލާމަތްވުމަށް އެދި ދުޢާކުރާ ވާހަކަ ވެސް މިއާޔަތައްފަހު ވަޙީކުރެއްވި އާޔަތުގައި ބަޔާންވެގެން އާދެއެވެ. ﴿الَّذِينَ يَذْكُرُونَ اللَّهَ قِيَامًا وَقُعُودًا وَعَلَى جُنُوبِهِمْ وَيَتَفَكَّرُونَ فِي خَلْقِ السَّمَاوَاتِ وَالأَرْضِ رَبَّنَا مَا خَلَقْتَ هَذَا بَاطِلاً سُبْحَانَكَ فَقِنَا عَذَابَ النَّارِ﴾ (آل عمران: 191) މާނައީ:- "އެއުރެންނީ، ކޮޅަށް ތިބެގެންނާއި، އިށީނދެތިބެގެންނާއި، އޮށޯވެތިބެގެން، اللَّه ހަނދުމަކޮށް، އުޑުތަކާއި ބިން ހެއްދެވުމާމެދު، ފިކުރުކޮށް އުޅޭމީހުންނެވެ. (އެއުރެން ދަންނަވާނެތެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، باطل ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ!" މިއެވެ.
މުޅި ޤުރްއާން ބާވައިލެއްވިފައި ވަނީ އޭގެމައްޗަށް ތަދައްބުރުކޮށް ވިސްނާ ފިކުރު ކުރުމަށެވެ. އެއީ އެއްކައުވަންތަ އިލާހެއްގެ ޙަޟްރަތުން ބާވާލެވުނު ޙައްޤުފޮތްކަމުގައި މީސްތަކުންނަށް ބަޔާންވަނީ އެ ފޮތާމެދު ފިކުރު ހިންގީމައެވެ. އެއްކައުވަންތަ އިލާހެއްގެ ފަރާތުން އައިފޮތެއް ނޫންނަމަ އޭގައި ފުށޫއެރުންތަކާއި އިޚްތިލާފުތައް ހުންނާނެކަން ޚުދު އެ ފޮތުގައި ބަޔާންކުރައްވާފައިވެއެވެ. ﴿أَفَلاَ يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِنْدِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلاَفًا كَثِيرًا ﴾ (النساء: 82) މާނައީ:- "ފަހެ، قرآن އާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ قرآن އަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ." މިއެވެ.
އިސްލާމްދީނަކީ ޙައްޤު ތެދު ދީނެވެ. އަދި އެ ދީނުގެ މާތްނަބިއްޔާއަކީ ޙައްޤު ނަބީއެކެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ބާވާ ލެވިފައިވާ ފޮތް، ކީރިތި ޤުރްއާނަކީ ވެސް ޙައްޤު ފޮތެވެ. އެހެނަސް ގިނަމީހުންނަށް އެކަމެއް ނޭގެއެވެ. މިކަންވެސް އިނގި ފަހުމް ވާބަޔަކުކަމުގައި ބުއްދީގެ އަހުލުވެރިން ނޫނީ ނުވެއެވެ. ﴿أَفَمَنْ يَعْلَمُ أَنَّمَا أُنزِلَ إِلَيْكَ مِنْ رَبِّكَ الْحَقُّ كَمَنْ هُوَ أَعْمَى إِنَّمَا يَتَذَكَّرُ أُوْلُوا الأَلْبَابِ﴾ (الرعد: 19) މާނައީ:- "ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވީ، حق ތެދުކަން ދަންނަ މީހާ، ލޯއަނދިރި މީހަކާ އެއްފަދަ މީހެއްކަމުގައި ވާނޭހެއްޔެވެ؟ نصيحة ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ أهل ވެރިންނެވެ." މިއެވެ.
ބުއްދީގެ ބޭނުން ކުރާބަޔަކު ކަމުގައި ވުމަށް މިއާރޓިކަލް ކިޔާ އެންނެމަށް އަޅުގަނޑު ވަޞިއްޔަތް ކުރަމެވެ. ޙައްޤުމަގު ފެންނާނެ ބަޔަކީ އެއީއެވެ. ބުއްދިކުރެވޭނީ މީހާ ހުސްވެ ހަލަބޮލިމާ ހައުލުތަކާ ދުރުގައި ހިނދުކޮޅަކު މަޑިކޮށްލައިގެންނެވެ. އަޅުގަނޑުމެން އެންމެންނަކީ ވެސް ބުއްދީގެ އަހުލުވެރިންކަމުގައި ލެއެވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ!