ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދަށް ފަނަރަ ދުވަސް ކޯޓުން އިތުރުކޮށްފި އެވެ.
ފުލުހުން ބުނީ މުލިއާގެ ގޮއްވާލާނެ ކަމަށްބުނެ އިންޒާރުދިން މީހަކުގެ ބަންދަށް އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
މުލިއާގެ ކައިރިން ދަމުން ބޮމެއް އެބައޮތް ކަމަށް ބުނުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދެ މީހަކު ގެނެސްފައިވެ އެވެ. ނަމަވެސް އެއިން އެކަކުވަނީ ދޫކޮށްލާފަ އެވެ.
މިދިޔަ މަހުގެ 9 ވަނަ ދުވަހު މުލީއާގެ ކައިރިއަށްގޮސް ދެ މީހަކު ވަނީ އެ މީހުން އެވަގުތު ގެންގުޅުނު ފޮށިގަނޑެއްގައި ބޮމެއް އޮތްކަމަށް ބުނެ އިންޒާރުދީފަ އެވެ.
މި މައްސަލާގައި ހައްޔަރުކުރި ދެމީހުންނަކީ ވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ ދެ މީހުންނެވެ. މި މައްސަލާގައި ބަންދުގެ މުއްދަތު އިތުރުކުރި މީހާގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރުދިނުން ނުވަތަ ބިރު ދެއްކުމުގެ ތުހުމަތާއި ބިރު ދެއްކުމާއި ދޮގު ހަބަރު ދިނުމުގެ ތުހުމަތެވެ.
ފުލުހުން ވަނީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑއާ އާއި އަދިވެސް އެކި ގޮތްގޮތުންދޭ އިންޒާރުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.