އަންނަ އާދިއްތަ ދުވަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ސުކޫލުތަކަށް ވަދެވޭނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ސުކޫލުތަކުގެ ކިޔެވުން ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށްޓަކައި އަންނަ އާދިއްތަ ދުވަހު ފެށިގެން ސުކޫލުތަކަށް ވަދެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ.

"ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި، ހުރިހާ ފަރާތްތަކުން ވެސް ވެކްސިންގެ ޑޯޒުތައް ވީހާ ވެސް އަވަހަކަށް ފުރިހަމަ ކުރުމަށް އިލްތިމާސް ކުރަމެވެ،" އެ އިއުލާނުގައިވެ އެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ވެކްސިން ޖަހައިގެން ސްކޫލްތަކަށް ވަންނަން ހުއްދަ ދެވޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ، ރާއްޖޭގެ ކޮވިޑް ވެކްސިން ޖެހޭ އުމުރުފުރައިގެ ފަރާތްތައް އެކަނި ކަމަށެވެ. އަދި ދަރިވަރުން މި ކެޓަގެރީގައި ނުހިމެނޭ ކަމަސްވެސް އެ މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ބުނީ އައު ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މިދަނޑިވަޅުގައި ސުކޫލުތަކުގައި ކިޔަވައިދޭނީ ކިހާ ވަގުތެއްކަން ނިންމުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އަދި ކޮވިޑް-19ގެ ހާލަތުގައި ސްކޫލުތަކުގައި ކިޔަވައިދެމުންދާއިރު ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވަނީ މީގެ ކުރިން ވެސް އަޅާފަ އެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ސަބަބުން މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ސުކޫލުތަކެއް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށް ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންގޮސްފަ އެވެ.