މިދިޔަ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުން މާދަމާ އޮންނާނެ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގެ ތަހުގީގާއާ ބެހޭ ގޮތުން ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ބޮމުގެ ހަމަލާއާއި ގުޅިގެން ދައުވާކުރުމާމެދު ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅޭ ތަފްސީލް މާދަމާ މެންދުރު 2:00ގައި ނޫސްވެރިންނާ ހިއްސާ ކުރައްވާނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާ އާއި ގުޅިގެން ފުލުހުން ވަނީ 10 މީހަކު ހައްޔަރު ކޮށްފަ އެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.
މި ހަތަރު މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
މީގެ އިތުރުން މި ހަމަލާއާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ. މާލެ މާފަންނު ކުދެހިގެ އިސްހާގާއި ގއ. ވިލިނގިލި ހުދުރުވާގެ ފަހުމީ އަލީއާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީނެވެ.
މިމައްސަލައިގައި އެންމެ ފަހުން ދައުވާ ކުރަން ފޮނުވާފައިވަނީ ހަމަލާ ރޭވުމުގައި އިސްކޮށް މަސައްކަތް ކުރި ކަމަށް ތުހުމަތުކުރެވޭ އަލީ ހައިޝަމަށެވެ.
ފުލުހުން މީގެ ކުރިން ބުނީ ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ މުހައްމަދު ތަސްލީމާއި އިސްހާގު އަދި އަލީ ހައިޝަމް ކަމަށެވެ. އަލީ ހައިޝަމަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އޯގަސްޓް 2. ޢަދިވެސް ޕްރެސް ކޮންފަރެންސް ބާއްވާވާހަކަ. ކޮން ކޮންފަރެންސެއް. ތި ކަންކުރި މީހުންނަށް ދައުވާކޮށް އަދަބު ނުދެވި ލަސްވެއްޖެ. ފެއިލްވެއްޖެ. ފޫ ބައްދަން ކޮން ކޮންފަރެންސެއް.