ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި އަހުމަދު އަދުހަމް ރަޝީދާއެކު އިއުތިރާފް އެއްބަސްވުމެއް ހަދާފައިވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭގޮތުން ޕްރޮސެކިއުޓަ ޖެނެރަލް ޝަމީމް ވިދާޅުވީ އަދުހަމްއާއެކު މިހާރު ވެފައިވާ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާނެ ކަމަށެވެ.

އަދުހަމަށް ދައުލަތުން ކުރާ ދައުވާތަކަކީ

  1. ޓެރަރިޒަމްގެ އަމަލެއް ކުރުން
  2. ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން
  3. ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން
  4. ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ

ޕީޖީ ވިދާޅުވީ މިމައްސަލައިގައި އަދުހަމްއާއެކު އެއްބަސްވުން ހެދުމުން އޭނާގެ މައްޗަށް އަންނަ 37 އަހަރުގެ ހުކުމް 23 އަހަރަށް ކުޑަވެގެން ދާނެ ކަމަށެވެ.

އޭނާއަށް އުފުލި ދައުވާތަކުގެ ތެރެއިން އިއުތިރާފުގެ އެއްބަސްވުމުގެ ތެރެއިން ކުރިއަށް ނުގެންދާނީ ޓެރަރިޒަމްގެ އަމަލެއްކުރަން ރޭވުމުގެ ދައުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އިއުތިރާފް އެއްބަސްވުން ހަދަނީ ޖިނާއީ އިޖުރައާތުގެ ގާނޫގެ ދަށުންނެވެ. އަދި އަދުހަމްއާއެކު އެއްބަސްވެފައި ވަނީ ގާނޫނުގެ ތެރެއިން ކަމަށް ޕީޖީ ވިދާޅުވި އެވެ.

އަދުހަމް ހައްޔަރުކޮށްފައިވަނީ ހަމަލާދިންތާ ދެ ދުވަސް ފަހުން ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓުންނެވެ. އޭނާ ހައްޔަރުކުރިއިރު ވަނީ ސިފަ ބަދަލުކުރަން ވެސް މަސައްކަތް ކޮށްފަ އެވެ.