ވޮންޑާ ވުމަންގެ ގޮތުގައި ގިނަ ބަޔަކު ދަންނަ؛ ގަލް ގެޑޮޓްއަށް ކްލިއޮޕެޓްރާގެ ރޯލަށް ހަމަޖައްސައިފި އެވެ.
މިހަބަރު އާންމު ކުރުމާއި އެކު، މިއީ އެންމެ ރަނގަޅު ނިންމުމެއްތޯ ބުނެ އެކި ޕްލެޓްފޯމުތަކުގައި އާންމުން ދަނީ ސުވާލު އުފައްދަމުންނެވެ. ބޮޑު ބަހުސަކަށް ވެފައިވާ މިމައްސަލާގައި، ގިނަ ބަޔަކު އިއްތިފާގުވަނީ މިކާސްޓިންގްއަކީ މުޅިން ނުބައި ނިންމުމެއް ކަމަށެވެ. އެއީ ކްލިއޮޕެޓްރާގެ ވާހަކައަކީ މިސްރު އަންހެނެއްގެ ވާހަކައަށް ވުމުން، ދޮން ނަސްލުގެ މީހަކު މިރޯލަށް ލައިފިނަމަ ތާރީހީ ގޮތުން ފިލްމުގައި ބޮޑު ހިލާފެއް އުފެދޭނެތީ އެވެ. މިފަރާތްތައް ބުނާ ގޮތުގައި ހުނަރުވެރި އަރަބި ތަރިން ތިއްބާ އެހެން ފަރާތަކަށް މިރޯލު ކުޅެން ލިބުމަކީ ހޮލީވުޑްގައި ނަސްލީ އިމްތިޔާތުތައް އޮތް މިންވަރު ދައްކުވައިދޭ ހެއްކެކެވެ.
ނަމަވެސް މިނިންމުމަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ގަލް ގެޑޮޓްއަށް މަރުހަބާ ކިޔަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ގަލް ގެޑޮޓް އަކީ ކްލިއޮޕެޓްރާގެ ޝަހުސިއްޔަތު ރަމްޒުކޮށްދޭ ފުރަތަމަ ދޮން ނަސްލުގެ ފަންނާނު ނޫން ކަމަށާއި ކްލިއޮޕެޓްރާގެ ވާހަކަ ބިނާ ވަނީ އަންހެނުން ބާރުވެރި ކުރުވުމަށް ކަމުން އެކަން ފުރިހަމަ ގޮތުގައި ދައްކުވައިދެވޭނަމަ އެއީ މައްސަލައެއް ނޫން ކަމަށެވެ. މިފަރާތްތައް ބުރަވަނީ 1963ގައި ކްލިއޮޕެޓްރާގެ ނަމުގައި އެލިޒަބަތް ޓޭލާ ކުޅުނު ރޯލަށެވެ. އެފިލްމް ވަނީ 4 އޮސްކާ އެވޯޑު ހާސިލްކޮށްފަ އެވެ.
ފިލްމް އުފައްދާ ކުންފުނި "ޕެރަމައުންޓް ޕިކްޗާސް" އިން ހާމަކުރި ގޮތުގައި ކްލިއޮޕެޓްރާގެ އާ ފިލްމް ޑައިރެކްޓް ކުރާނީ ވޮންޑަ ވުމަން އާއި އޭގެ ސީކުއަލްގެ ވެސް ޑައިރެކްޓަރު ޕެޓީ ޖެންކިންސް އެވެ. އެހެންކަމުން ކްލިއޮޕެޓްރާގެ ބަޔޮޕިކް ވެގެންދާނީ ގަލް ގެޑޮޓް އާއި ޕެޓީ ޖެންކިންސް އެކުގައި ކުރާނެ ތިންވަނަ މަސައްކަތަށެވެ.