އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި- އިލެކްޝަންގެ ވޯޓުލުން ފަސް ރަށެއްގައި ފަށައިފި އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މިއަދު ބައި-އިލެކްޝަން ހަތަރު ރަށެއްގައި ކުރިއަށްދާއިރު، ތިން ވަނަ ބުރު އެއް ރަށެއްގައި ކުރިއަށްދާ ކަމަށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން ކުރިއަށްދާ ހަތަރު ރަށަކީ، ނ. ކެނދިކުޅުދު އާއި، ހދ. ނޮޅިވަރަމާއި، ކ. ދިއްފުށި އަދި އއ. ފެރިދޫ އެވެ. އިންތިޚާބުގެ ތިންވަނަ ބުރެއް ބާއްވަނީ ހަމައެކަނި ނ. މަގޫދޫގަ އެވެ.

އެ ރަށުގައި ތިންވަނަ ބުރެއް ބާއްވަނީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ބައި- އިލެކްޝަންގައި ވާދަކުރި ދެ ކެނޑިޑޭޓެއްގެ ވޯޓު އެއްވަރުވުމާ ގުޅިގެން ކަމަށް އެކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8 ން މެންދުރުފަހު 3 ޖެހުމާ ހަމައަށް ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ކަރަންޓީންގައި ތިބޭ މީހުން މި އިންތިޚާބުގައި ވޯޓުލުމަށް ޚާއްސަކޮށްފައި ވަނީ މެންދުރުފަހު 2 ން 3 އަށެވެ.

މިއަދު ބާއްވާ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން އޮންނާނީ އއ. ފެރިދޫގައިގާއިމު ކޮށްފައިވާ އިންތިޚާބުގެ ކޯޑިނޭޝަން ސެންޓަރުގައި ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ބައި- އިލެކްޝަން ބާއްވަނީ، އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި، ބައެއް ރަށްރަށުގައި އިންތިޚާބުކުރަން ޖެހޭ އަދަދަށް ކެނޑިޑޭޓުން ކުރިމަތިލާފައި ނުވާތީ އެވެ.