އިންޑިޔާގެ ނުފޫޒުން ރާއްޖެ މިނިވަންކުރެވޭނީ ކޮން ލީޑަރަކަށްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދަށް ފަށައިފި އެވެ.

އިންޑިއާގެ ނުފޫޒުން ރާއްޖެ މިނިވަންކުރެވޭނީ ކޮން ސިޔާސީ ލީޑަރަކަށްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދަމުން އަންނަނީ ސަލަފު ޖަމިއްޔާގައި އިސްކޮށް ހަރަކާތެރިވާ އަލީ ރަމީޒު އެވެ.

މިކަމާ ގުޅިގެން އަލީ ރަމީޒު ކުރި ޓުވީޓެއްގައި ވަނީ އިންޑިއާގެ ނުފޫޒުން ސަލާމަތްކުރޭ ވަރުގެ ލީޑަރެއް ހުރިތޯ ބެލުމަށް ޕޯލެއް ހުޅުވާލާފަ އެވެ.

އަދި އޭނާ ކުރައްވާ ސުވާލަށް އިހުލާސްތެރިކަމާއެކު ޖަވާބު ދިނުމަށް ވެސް ވަނީ އެދިފަ އެވެ.

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިންޑިއާގެ ނުފޫޒުން ރާއްޖެ ސަލާމަތްކުރެވޭނެ ލީޑަރަކާ މެދުގައި ހިޔާލު ހޯދުމަށް ހުޅުވާލިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވުމަށްފަހު އިންޑިއާއެކު އަންނަނީ ގާތްގުޅުމެއް ބާއްވަމުންނެވެ. އަދި ރާއްޖޭގައި ހިންގާ ގިނަ އުމްރާނީ ބޮޑެތި މަޝްރޫއުތަކަށް އިންޑިއާގެ އެހީ އާއި ލޯނު އެހީ ލިބެމުން އަންނަކަން ފާހަގަ ކޮށްލެވެ. މީގެ އިތުރުން މި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރާއެކު ގިނަ އެއްބަސްވުންތަކެއް ހަދާފަ އެވެ.

އެހެން ނަމަވެސް މި އެއްބަސްވުންތަކުގެ މައުލޫމާތު ދިވެހި ސަރުކާރުން ހާމަކޮށްފައިނުވާއިރު މިއެއްބަސްވުމުންތަކުގެ ސަބަބުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަށް މަގުފަހިވާ ކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި މިކަމުގެ ސަބަބުން ރާއްޖެ އަޅުވެއްތިވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އަންނަނީ އިންޑިޔާ އައުޓްނަމުގައި ކެމްޕޭނެއް ވެސް ހިންގަމުންނެވެ. މީގެއިތުރުން އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ވަނީ ރާއްޖެ ސަލާމަތް ކުރުމުގެ ނަމުގައި ގައުމީ ކެމްޕޭނެއް ވެސް ވަނީ ފަށާފަ އެވެ.