ރާއްޖޭގައި 12 އަހަރުން މަތީގެ އެންމެންނަށް ދެވޭ ވަރަށް މިހާރު ވެކްސިން ގެނެސްފައިވާ ކަމަށާއި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް އަންނަ ހަފްތާގައި ފައިޒާ ވެކްސިން ދޭން ފެށޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުނިޔޭގެ ގައުމުތަކުގައި ކޮވިޑް-19ގެ ބަލިމަޑުކަން ފުރަތަމަ ފެށިގެން އައި ދުވަސްވަރު ރާއްޖޭގެ ވަސީލަތްތައް ހުރީ އެއްގޮތަކަށް ވެސް އެފަދަ ބަލިމަޑުކަމަކާ ކުރިމަތިލެވޭނެ ހާލަތެއްގައި ނޫންކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަބަބާހުރެ ސަރުކާރުގެ ފުރަތަމަ އަމާޒަކަށްވީ މި ބައްޔަށް ފަރުވާދެވޭނެ ވަރަށް ރާއްޖޭގެ ސިއްހީ ނިޒާމުގެ ގާބިލުކަން އިތުރުކުރުން ކަމަށެވެ. އަދި ހަމައެހެންމެ މި ބަލިމަޑުކަމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާނެ އިޖްތިމާއީ އިގްތިސާދީ ދަތިތައް ވީހާވެސް ކުޑަކުރުމަށް ސަރުކާރުން ކޮށްދެވެންހުރި ކަންތައްތައް ކުރުންކަމަށާއި މިހާރު އައު ޢާންމު ހާލަތަކަށް ދިއުމަށް ދަތުރުކުރުމުގެ ފުރުސަތު ފަހިވެފައި މި ވަނީ އެ ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންކަން ރައީސް ފާހަގަކުރެއްވި އެވެ.

އައު އާންމު ހާލަތަކަށް ދިއުމަށްޓަކައި ރާއްޖެއަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމަށް ސަރުކާރުން ކުރި މަސައްކަތުން މިހާރު ރާއްޖެއަކީ އެންމެ ފުރަތަމަ ވެކްސިން ޖަހަން ފަށާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަމާއި އަދި އޭގެ އިތުރުން ރާއްޖެއަކީ 12 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމުގެ ފުރުސަތު ލިބިފައިވާ މަދު ގައުމުތަކުގެ ތެރޭގައި ވެސް ހިމެނޭ ގައުމެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މިމަހުގެ ނިޔަލަށް، ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 ޕަސެންޓް މީހުންނަށް ވެކްސިން ދީ ނިންމުން ކަމަށެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން އަވަހަށް ވެކްސިން ޖަހާ ނިންމުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ކޮވިޑް-19ގެ މަޑުމަޑުކަން ކޮންޓްރޯކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ދެމުންގެންދާ ލުއިތަކާއެކު ރާއްޖޭގެ އިގްތިސާދީ ހާލަތު ވެސް ރަނގަޅުވަމުން އަންނަކަމުގައި ރައީސް ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު އެކްސްޕޯޓް 19 ޕަސެންޓް އަދި އިމްޕޯޓު 45 ޕަސެންޓް އިތުރުވެފައިވާކަމާއި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދައުލަތުގެ އާމްދަނީ 14 ޕަސެންޓް އިތުރުވެ، ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 23 ޕަސެންޓް އިތުރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 93 ޕަސެންޓް މީހުން މިހާރު ވެކްސިން ފުރިހަމަކޮށްފައިވާކަމާ ބޯޑަރު ކޮންޓްރޯލްގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވެސް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ. ރާއްޖޭގައި ހިންގާ ރިޒޯޓްތަކުގެ 95 ޕަސެންޓް ރިޒޯޓް މިހާރު ހުޅުވާފައިވާއިރު، ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު މިހާތަނަށް 655,000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮވިޑް-19ގެ ހާލަތުން، އައު އާންމު ހާލަތަކަށް ބަދަލުވުމަށް މަސައްކަތްކުރާއިރު، މިހާރު ދީފައިވާ ލުއިތަކާއެކު ގައުމުގެ ހުރިހާކަމެއް އާންމު ހާލަތާ އެއްގޮތަށް ކުރިޔަށް ގެންދެވޭނީ 12 އަހަރުން މަތީގެ އެންމެންނަށް ވެކްސިންޖެހުމަށް ކުރާ މަސައްކަތަށް އެންމެންގެ އެއްބާރުލުން ލިބިގެންކަން ފާހަގަކުރެއްވި އެވެ. އެހެންކަމުން ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ރައްޔިތުން ވެސް ވީހާ އަވަހަކަށް ވެކްސިން ފުރިހަމަކުރުމަށް ރައީސް ތަކުރާރުކޮށް އިލްތިމާސްކުރެއްވި އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 ޕަސެންޓް މީހުން ވަނީ ޖަހާ ނިންމައިފަ އެވެ. އަދި އާބާދީގެ 69 ޕަސެންޓް މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފަ އެވެ.