މަޝްހޫރު ސިޓްކޮމް ސީރީޒް؛ "ޓޫ އެންޑް އަ ހާފް މެން"ގައި މުހިންމު ރޯލެއް އަދާކުރި ކޮންޗަޓާ ފެރެލް (ބަރޓާ) މަރުވެއްޖެ އެވެ. އުމުރުން 77 އަހަރުގެ ތަރި މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކުރިމަތިވި ސިއްހީ މައްސަލަތަކަކާއި ގުޅިގެންނެވެ.
2003-2015 އަށް ޓޫ އެންޑް އަ ހާފް މެންގެ 200 އަށް ވުރެ ގިނަ އެޕިސޯޑުގައި، މެދުކެނޑުމެއްނެތި ކޮންޗަޓާ ވަނީ ފެނިގެން ގޮސްފަ އެވެ. މިސީރީޒްގައި އޭނާ ދައްކުވައިދިން ކުޅަދާނަ އެކްޓިންއަށް ގިނަ ބައެއްގެ ތައުރީފު އޮހި ދުނިޔޭގެ އެކި ހިސާބުތަކުން ވަނީ ސަޕޯޓަރުން ލިބިފަ އެވެ. މީގެ އިތުރުން މި ރޯލުން ކޮންޗަޓާވަނީ ދެ ފަހަރަށް، ވާދަވެރި އެމީ އެވޯޑްސްގެ ސަޕޯޓިންގް އެކްޓަރު އިން އަ ކޮމެޑީ ސީރީޒް ކެޓަގަރީއަށް ނޮމިނޭޓްވެފަ އެވެ.
ކޮންޗަޓާ ފެރެލްގެ ކުއްލި މަރާއި ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. އޭގެ ތެރޭގައި ޓޫ އެންޑް އަ ހާފް މެންގައި އޭނާއާއެކު އެންމެ ގާތުން މަސައްކަތް ކުރި ދެ ތަރިން ފާހަގަ ކޮށްލެވެ އެވެ. އެސީރީޒްގައި ޗާލީގެ ރޯލް އަދާކުރި ޗާލީ ޝީން ބުނެފައިވަނީ ކޮންޗެލްއަކީ ކުޅަދާނަ ފަންނޭނެއްގެ އިތުރުން ލޮބުވެތި އަދި އިހުލާސްތެރި ރަހުމަތްތެރިއެއް ކަމަށާ އޭނާ ނެތި ދިއުމުން ނުހަނު ހިތާމަކުރާ ކަމަށެވެ.
ކޮންޗަޓާ އާއި ބެހޭގޮތުން ލިޔުނު ތައުޒިޔާގެ މެސެޖުގައި ޓޫ އެންޑް ހާފް މެންގައި އެލަންގެ ގޮތުގައި ފެނިގެންދިޔަ ޖޯން ކަރަޔާ ބުނެފައިވަނީ ކޮންޗަޓާއަކީ ހެޔޮލަފާ، ރީތި ހިތެއްގެ ވެރިއެކެވެ. އަދި ސީރީޒްގައި އޭނާ ދައްކުވައިދިން ހަރުކަށި ކަމަކީ ލިޔުންތެރިޔާގެ ހިޔާލާއި އެއްގޮތަށް ކެރެކްޓާ އަސްލަށް ގެނައުމަށް ދައްކުވައިދީފައިވާ ފަންނުވެރި ކަމެވެ. އެގޮތުން އޭނާ ގެނެސްދިން ފޮނި ހަދާންތައް ނުފިލާނެ ކަމުގައި އެލަން ބުނެފައި ވެ އެވެ. އަދި އޭނާގެ ހަދާންތައް ދިރުވާ އާލާކޮށް ޓްރިބިއުޓެއްގެ ގޮތުގައި ކޮންޗެލްގެ މަސައްކަތްތައް ބަލަމުންގެންދިޔުމަށް ޖޯން އެދުނެވެ.
ކޮންޗަޓާ ފެރެލްގެ ފިލްމީ ހަޔާތުގައި ކޮށްފައިވާ ހާއްސަ މަސައްކަތްތަކަށް ބަލާލާއިރު އެލް.އޭ ލޯ އާާއި ގުޑް ޓައިމްސް، އީއާރް، ބަފީ ދަ ވެމްޕަޔާ ސްލޭޔާ ބީ.ޖޭ އެންޑް ދަ ބެއާ، ފްރޭންކް އެން ގްރޭސީގައި ކުޅެފައިވާ ރޯލްތައްް ފާހަގަ ކޮށްލެވެ އެވެ.