ކޮވިޑް ހާލަތާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކަށް ސަރުކާރުން ދޫކުރި އިންކަމް ސަޕޯޓް އެލަވަންސް ހޯދުމަށް ހުށަހަޅާ ލިޔެކިޔުންތައް ސައްހކަން ކަށަވަރުކުރަން އެކަށީގެންވާ ނިޒާމެއް ނެތްއިރު، އެއެލަވަންސް ދޫކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމާމެދު އޮޑިޓަ ޖެނެރަލް އޮފީހުން ސުވާލު އުފައްދައިފި އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އާންމު ފަރުދުންނަށް ދައުލަތުން ފޯރުކޮށްދީފައިވާ އިންކަމް ސަޕޯޓް ސްކީމްގެ ޕަފޯމަންސް ބެލުމަށް ކުރި އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އިންކަމް ސަޕޯޓް އެލަވަންސަށް އެދޭ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރު ކުރެވޭނެ ނިޒާމެއް ޤައުމީ ފެންވަރުގައި ގާއިމްކުރެވިފައި ނުވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމުގައި އިކޮނޮމިކް މިނިސްޓްރީއަށް ދަތިތަކެއް ވަނީ ކުރިމަތިވެފައިވާ ކަމަށް ވެސް އެ ރިޕޯޓްގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެގޮތުން، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިކޮނޮމިކް މިނިސްޓްރީއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހުގެ ސިސްޓަމްތަކާ ގުޅުވާލެވިފައި ނުވުމުގެ ސަބަބުން އެސްކީމުގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި އެލަވަންސަށް އެދޭ ފަރާތަށް އެހެން އާމްދަނީ އެއް ލިބުނު ނަމަވެސް، އެކަން ދެނެގަނެވޭނެ އިންތިޒާމެއް ނެތއް ކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފަ އެވެ. އަދި، ނަގުދު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތައް އެލަވަންސަށް އެދި ހުށަހެޅި ނަމަވެސް، އެކަން ކަށަވަރުކުރެވޭނެ ނިޒާމެއް މުޅި ދައުލަތުގެ ފެންވަރުގައި ވެސް ގާއިމްކުރެވިފައި ނުވާ ކަމަށް ވެސް ރިޕޯޓްގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ މިސަބަބުތަކާ ހުރެ އިންކަމް ސަޕޯޓް އެލަވަންސް ދެވިފައިވާ ފަރާތްތަކުގެ ލިޔެކިޔުންތައް ސާމްޕަލް އުސޫލުން ރިވިއުކޮށް، އެލަވަންސަށް ޝަރުތު ހަމަނުވާ ފަރާތްތަކަށް އެލަވަންސް ދެވިފައިވާނަމަ، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުން އަވަސްކުރުމަށް ވަނީ އެދިފަ އެވެ. އަދި ސައްހަ ނޫން ލިޔެކިޔުންތައް ހުށަހެޅުމުގެ ސަބަބުން އެލަވަންސަށް ޝަރުތުހަމަވެ، ފައިސާ ލިބިފައިވާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީއަށް ވަނީ އަންގާފަ އެވެ.
އިސްލާހްކުރަން ހުރި އިތުރު ކަންތަކުގެ ތެރޭގައި، ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ސްކީމްތަކެއް ތައާރަފްކުރުމުގެ ބޭނުން ޖެހިދާނެތީ، އެކަމަށް ކުރިއާލާ ތައްޔާރުވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމުގެ މަތިން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން، އިގްތިސާދުގެ ރަސްމީ ދާއިރާއާއި ނުރަސްމީ ދާއިރާ ވެސް ހިމެނޭ ގޮތަށް، އެކި ގޮތްގޮތުން އާމްދަނީ ލިބޭ ފަރާތްތަކުގެ ރަޖިސްޓަރީއެއް ގާއިމުކޮށް، އެ ފަރާތްތަކާބެހޭ މައުލޫމާތު ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް އަންގާފައިވެ އެވެ.