ޗައިނާއިން 2019 ވަނަ އަހަރު ފެނި، މުޅި ދުނިޔޭގައި ފެތުރުނު ކޮވިޑް- 19 ސަބަބުން އެތައް ގައުމަކަށް ވަނީ ބޮޑެތި ގެއްލުތަކެއް ލިބިފަ އެވެ. އަދި މިބައްޔަށް ހަމައެކަނި އޮތް ހައްލަކީ ވެކްސިން ޖެހުމާއި ސާފުތާހިރުކަން އިސްކުރުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ބުނެފަ އެވެ.

ގިނަ ގައުމުތަކުގައި ކޮވިޑުން ދިފާއުވުމަށް ވެކްސިން ޖެހުމުގެ ހާއްސަ ޕްރޮގްރާމްތަކެއް މިހާރު އަންނަނީ ހިންގަމުންނެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން ވެކްސިން ނުޖަހާ އަދި އެކަމާ ދެކޮޅު ހަދަމުންދާތީ އެ ގައުމުތަކުގެ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފަ އެވެ. އޭގެ ތެރޭގައި އަވައްޓެރި އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން ފިލިޕީންސްގައި ވެސް ހަރުކަށި ފިޔަވަޅުތައް ވަނީ އަޅައިފަ އެވެ.

އިނަްޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެކްސިން ޖަހަނީ

ވެކްސިން ޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ ފީރޯޒްއާބާދުގައި ވަނީ ކޮވިޑް ވެކްސިން ނުޖަހާ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ނުދޭ ގޮތަށް ހަމަޖައްސާފަ އެވެ.

އެ ސިޓީގެ ޑިސްޓްރިކްޓް ކޯޓުގެ މެޖިސްޓުރޭޓް ޗަންދުރަ ވިޖޭ ނެރުއްވި އަމުރެއްގައި ވިދާޅުވެފައި ވަނީ ސަރުކާރު މުވައްޒަފުން ވެކްސިނަށް ނޫނެކޭ ބުނާނަމަ މުސާރައައް ވެސް ނޫނެކޭ ބުނާށެވެ. މި ކަމުގެ މަގުސަދަކީ ވެކްސިން ޖަހަން ގިނަ ބަޔަކައް ހިތްވަރު ދިނުން ކަމަށް ބުނެފައިވެ އެވެ. އިންޑިއައަކީ ކޮވިޑްގެ ހާލާތު އެންމެ ގޯސްވިއެއް ގައުމެވެ.

ޕަންޖާބް ހެލްތް މިނިސްޓަރު ޔާސްމިން ރާސިދް

ކޮވިޑް ވެކްސިން ނުޖަހާ ނުވަތަ ޖަހަން ދެކޮޅު ހަދާ މީހުންގެ މޮބައިލް ފޯނުގެ ސިމް ކާޑް ބްލޮކްކުރަން ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސުން ވަނީ ފަށައިފަ އެވެ.

ހެލްތް މިނިސްޓަރު ޑރ. ޔާސްމިން ރާޝިދު ވިދާޅުވި ގޮތުގައި ކޮވިޑުން ރައްކާތެރިކަން ހޯދަން މި ވަގުތު ވެކްސިން ޖެހުމަކީ ހުރިހާ ރައްޔިތުން ވެސް ކުރަން ޖެހޭ ކަމެކެވެ. އެގޮތުން 18 އަހަރުން މަތީގެ ކޮންމެ މީހަކީ ވެކްސިން ޖަހާފައިވާ މީހަކަށް ހަދަން ޕަންޖާބް ސަރުކާރުން ބޭނުންވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ވެކްސިން ނުޖަހާ މީހުންގެ ސިމް ކާޑް ބްލޮކްކުރުމުގެ އިތުރުން އެފަދަ މީހުންނަށް ޕާކްތަކާއި ރެސްޓޯރަންޓްތަކާއި ވިޔަފާރި މޯލްތަކަށް ވަނުން ވެސް ވަނީ މަނާކޮށްފަ އެވެ.

ވެކްސިން ނުޖަހާ މީހުންގެ ސިމް ކާޑް ބްލޮކްކުރަން ނިންމި އިރު، ޕާކިސްތާނަކީ ވެކްސިނާ ވަރަށް ދެކޮޅު ވިސްނުންތަކެއް ވެސް ގެންގުޅޭ ބަޔަކު ދިރިއުޅޭ ގައުމެކެވެ. ނަމަވެސް ޕަންޖާބް ޕްރޮވިންސަކީ އެ ގައުމުގެ އެންމެ ބައިބޯ ސަރަހައްދެވެ. ޕަންޖާބްގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 344،000 އަށް ވުރެ މަތީގައި އުޅޭ އިރު، މަރުވި މީހުންގެ އަދަދު 10،500 އަށް ވުރެ ގިނަ އެވެ.

މުޅި ޕާކިސްތާނަށް ބަލާއިރު ބަލި ޖެހުނު މީހުންގެ އަދަދު 940،000 އަށް ވުރެ ގިނަ އެވެ. އަދި މަރުވި މީހުންގެ އަދަދު 21،600 އަށް ވުރެ ގިނަ އެވެ.

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓް

އެހެން ގައުމުތަކާ ހިލާފައް ފިލިޕީންސްއިން ވަނީ ވެކްސިން ނުޖަހާ ނުވަތަ ދެކޮޅު ހަދާ މީހުން ޖަލަށްލާނެ ކަމުގެ އިންޒާރު ދީފަ އެވެ. މިގޮތަށް ނިންމާފައި ވަނީ ކޮވިޑް- 19 ވެކްސިން ޖަހާ ނިސްބަތް ދަށްވުމުންނެވެ.

ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވިދާޅުވެފައި ވަނީ ގައުމުގައި އުޅޭނަމަ އެންމެން ވެސް ވެކްސިން ޖަހަން ޖެހޭނެ ކަމަށާއި ނުޖަހާ ނަމަ ގައުމު ދޫކޮށް ދިއުމަށް އަންގަވާފައިވެ އެވެ.

ފިލިޕީންސްގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 1.36 މިލިއަނަށް ވުރެ މަތީގައި އުޅޭ އިރު، މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދު 23،800 އަށް ވުރެ ގިނަ އެވެ.

އެ ގައުމުގައި މިހާރު އެންމެ ބޮޑަށް އުޅެނީ ކޮވިޑްގެ އިންޑިއާ ވޭރިއަންޓް، ޑެލްޓާ އެވެ.