ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލާގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނެސްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެދިފައިވާތީ އެނާ ގެނައުމަށް އިންޓަޕޯލް މެދުވެރިކޮށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން އަލީ ވަޙީދު މި ވަގުތު ހުންނެވި އިނގިރޭސިވިލާތުގެ ފުލުހުންނާ ގުޅިގެން، ޕޮލިސް ޓު ޕޮލިސް ކޯޕަރޭޝަން މެދުވެރިކޮށް ވެސް މަސައްކަތް ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެ އެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދަށް ކޯޓަށް ހާޒިރުވުމަށް އަންގައި ސުޕްރީމް ކޯޓުން ފޮނުވި އަމުރު ލިބުނު ނަމަވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ، މިދިޔަ ބުދަ ދުވަހު ބޭއްވި އެ ކޯޓުގެ އަޑުއެހުމުގައި ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް އެ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.

ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތީ ހަތަރު މަހުގެ މުއްދަތަކަށް ކޯޓުން ދިން ހުއްދަޔާއެކު އެވެ. އެހެންނަމަވެސް މިހާތަނަށް ވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ.