ޖިންސީ ގޯނާގެ އެތަކެއް ތުހުމަތު ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޯޓުގެ ހުރުމަށް ކެނޑިކަމަށް ނިންމައި އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް އޮންލައިންކޮށް ނުބޭއްވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުމަކަށް މިއަދު ހާޒިރު ވުމަށް ސުޕްރީމް ކޯޓުން އަންގާފައި ވީނަމަވެސް މިއަދު އަލީ ވަހީދު ކޯޓަށް ހާޒިރު ނުވެ އެވެ.

މި މައްސަލަ އަކީ މިއީ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ކުށްތަކާއި ގުޅޭ ދައުވާތަކުގެ ޝަރީއަތް އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ނިންމި ނިންމުން އިސްތިއުނާފުކޮށް ޕީޖީ އިން ހުށަހެޅި މައްސަލައެކެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ވަކި މީހެއްގެ މައްޗަށް ޝަރީއަތް ނުހިންގައި، ކޯޓުތަކުން އަލީ ވަހީދުގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ނުވާނެ ކަމަށެވެ. އަދި ޝަރުއީ ނިޒާމަކީ ރައްޔިތުން އިތުބާރު ކުރާ އަދި އެންމެންގެ މައްޗަށް ހަމަހަމަ ނިޒާމެއްކަން ކަށަވަރު ކުރުމަށް އަލީ ވަހީދަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

މީގެ ކުރިން ވެސް އަލީ ވަހީދުގެ މައްސަލައިގައި ދައުލަތުން މައްސަލަތަކެއް ހައިކޯޓާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިކަން ފާހަގަކޮށް އެ މައްސަލަތައް ކުރިއަށް ނުގެންދެވުނީ އަލީ ވަހީދު އުޅޭތަނެއް ނޭނގޭތީކަން ފަނޑިޔާރު ހުސްނުއްސުއޫދު ފާހަގަކުރެއްވި އެވެ. އަދި މިހާރު ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފު މައްސަލައަށް ވެސް ހާޒިރުވުމަށް ފޮނުވާފައިވާ އަމުރަށް އަލީ ވަހީދު ހާޒިރުވެފައި ނުވާތީ އެ މައްސަލަވެސް ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.

އަލީ ވަހީދުގެ ޝަރީއަތާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދިޔުމަށް ވެސް ސުޕްރީމް ކޯޓުން މިއަދު ނިންމެވި އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރިއިރު އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުއައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތު ކުރެވިފައިވާ އަލީ ވަހީދު ވަނީ ފުރުވާލެވިފަ އެވެ.

އޭގެ ފަހުން، ބޭސް ފަރުވާއަށް ދިން މުއްދަތު ހަމަވެފައިވާއިރު ވެސް އަލީ ވަހީދު އެނބުރި އައިސްފައެއް ނުވެ އެވެ. މި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ އާންމުން އަންނަނީ ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންނެވެ.