ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ބަދަލުކުރި ނަމަވެސް އެ ސަރުކާރު ބަލައިގަތުމާމެދު ދިވެހި ސަރުކާރުން ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

އަފްގާނިސްތާނުގެ ވެރިކަމުގައި ހުންނެވި ރައީސް އަޝްރަފް ޣަނީ، ގައުމު ދޫކުރައްވައި އިއްޔެ ބޭރަށް ވަޑައިގަތުމާ ގުޅިގެން، ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ކާބުލް އަށް ވަދެ އެ ރަށް ވަނީ ހިފައިފަ އެވެ. އަދި އިސްލާމިކް އެމިރޭޓް އޮފް އަފުޣާނިސްތާނުގެ ނަމުގައި މުޅިން އާ ދައުލަތެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ތާލިބާނުންގެ އޮފިޝަލަކު އިއްޔެ ވިދާޅުވެފައިވެ އެވެ.

"ހުރިހާ" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ ތާލިބާން ޖަމާއަތުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ނަމަވެސް އެ ސަރުކާރު ބަލައިގަތުމާމެދު ގޮތެއް ނުނިންމާ ކަމަށެވެ. އޭގެ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު މުރާޖައާ ކުރުމަށްފަހު ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިދިޔަ ޖެނުއަރީ 5ގައި ގެޒެޓްކޮށްފައިވެ އެވެ. މި ލިސްޓުގައި ޓެރަރިސްޓް ޖަމާޢަތްތަކުގެ ގޮތުގައި 19 ޖަމާއަތެއް ކަނޑައަޅާފައިވާއިރު އޭގެ ތެރޭގައި ތާލިބާން ނުހިމެނެ އެވެ. އަދި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަމައެކަނި ސީރިޔާ އެވެ.

އަފްޣާނިސްތާނަކީ ރާއްޖެ ހިމެނޭ ސާކް މެމްބަރު ގައުމެކެވެ.