ކ. މާފުށީ ޖަލުގައި ހެދި މެޑިކަލް ސެންޓަރު ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ހުޅުވައިދެއްވައިފި އެވެ.
ނައިބު ރައީސް މާފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ސެންޓަރު ހުޅުވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި ސަރުކާރުން ޖަލުގެ ހާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ހުޅުވި މެޑިކަލް ސެންޓަރާއެކު ގައިދީންނަށް ރަނގަޅުފެންވަރުގައި ސިއްހީ ޚިދުމަތް ދިނުމުގެ މަގުފަހިވާނެ ކަމަށް ވިދާޅުވި އެވެ. އަދި މިތަނުގައި ގާއިމުކޮށްފައިވާ ޓެލެ މެޑިސިންގެ ޚިދުމަތާއެކު ބޭސްފަރުވާއަށް ގައިދީން އެއްތަނުން އަނެއްތަނަށް ގެންދިއުމަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ފެންވަރު ރަނގަޅު ބޭސްފަރުވާގެ ޚިދުމަތް ލިބުމަށް މަގުފަހިވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ރިހިބިލިޓޭޝަންގެ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. ޖަލުތަކާއި ރިހިބިލިޓޭޝަންގެ މަސައްކަތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުގެ ވެސް އަމާޒަކަށް ވާންވާނީ އަނބުރާ މުޖްތަމައަށް ނިކުންނަ ފަރާތްތަކަކީ އަމިއްލަދިރި އުޅުމައިގެން ކުރިޔަށްދެވޭނެ ފަދަ މަސައްކަތެއް ދަސްވެފައިވާ ހަރުދަނާ މީހަކަށް ހެދުމަށް ކަމުގައި ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
މާފުށީ ޖަލުގައި ޤާއިމުކޮށްފައިވާ މި މެޑިކަލް ސެންޓަރުން ޖެނެރަލް އޯޕިޑީ، އެމެޖެންސީގައި ބަލިމީހުންނަށް ފަރުވާދިނުން، އެކްސްރޭގެ ޚިދުމަތާއި ފިޒިއޯތެރެޕީ އަދި މައިނާ ސާރަޖަރީ ފަދަ ޚިދުމަތްތައް ވެސް ފޯރުކޮށްދެ އެވެ. މީގެ އިތުރުން މި ސެންޓަރުގައި ދިހަ މީހުންގެ ޖާގައިގެ ރިހެބިލިޓޭޝަން ޔުނިޓެއް ވެސް ގާއިމުކޮށްފައިވެ އެވެ.