ކ. މާފުއްޓަށް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުގެ އިދާރާތަކާ ގުޅިގެން ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް އިއްޔެ މާފުއްޓަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މާފުށީ ކައުންސިލާއެކު އިއްޔެ ހަވީރު މާފުށީ ސިއްހީ މަރުކަޒުގެ ހޯލުގައި ބޭއްވި ބައްދަލުކުރެއްވުމުގައި އެ ރަށު ކައުންސިލުގެ މެންބަރުންގެ އިތުރުން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާއާއި ސިއްހީ މަރުކަޒުގެ އިސްވެރިން ބައިވެރިވި އެވެ.

މި ބައްދަލުކުރެއްވުމުގެ ބައިވެރިން ވަނީ މާފުށީގެ ތަރައްޤީއަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން ނައިބު ރައީސާ މަޝްވަރާކުރައްވާފަ އެވެ. އެގޮތުން މާފުށީގައި ކުނި މެނޭޖުކުރުމުގައި ހުރި ދަތިތަކާއި ބަނދަރުގެ ދަތިކަމާއި އަދި އަންހެނުންގެ ހާއްސަ ޑޮކްޓަރެއްގެ މުހިންމުކަމާއި އަދި މި ނޫން ވެސް މާފުށީގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކާ ގުޅޭގޮތުން މި ބައްދަލުވުމުގެ ބައިވެރިން ނައިބު ރައީސާ މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ފައިސަލް ވަނީ މި ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަން ސަރުކާރުގެ އިދާރާތަކާ ގުޅިގެން ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ މާފުއްޓަކީ ފުޅާދާއިރާއެއްގައި ފަތުރުވެރިކަމުގެ ޚިދުމަތް ތަރައްގީވެފައިވާ ރަށެއްކަން ފާހަގަކުރައްވައި، މާފުއްޓަކީ ޒިންމާދާރު، މަސައްކަތެރި ރައްޔިތުންތަކެއް ދިރިއުޅޭ މުޖުތަމައެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތްކޮށްދެއްވުމަށް ކައުންސިލާއި ރަށުގެ މުވައްސަސާތަކުގެ ވެރިންގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ.