ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން އިތުރު ހެކި ހޯދަން ނޫޅޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މަހުލޫފްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން މިހާތަނަށް ހޯދިފައިވާ ހެއްކާ ބެހޭ ބައެއް ކަންކަން ސާފުކޮށްދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިފައިވާތީ އެކަން ފުލުހުން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލައިގެ އާ ހެކިތައް ހޯދަމުން ނުދާ ކަމަށެވެ.

"މިނިސްޓަރު މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިތުރު އާ ހެކިތަކެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ނުދޭ،" އޮފިޝަލް ވިދާޅުވިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ އެ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ހުރެ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33،000 ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގުން އެނގޭ ކަމަށެވެ. އެގޮތުން، އެ ބިލް ފާސްކުރުމަށް ވޯޓް ދިނުމުގެ ގޮތުން އޮގަސްޓް 27، 2014 ގައި މަހުލޫފް ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ މެލޭޝިޔާއިން ސީދާ މަޖިލީހުގެ ވޯޓަށް ކަމާއި، ރައްޔިތުންގެ މަޖިލީހުގައި އޭނާ އެ ބިލަށް ވޯޓު ދީފައި ވަނީ ސަރުކާރާ އެއްކޮޅަށް ބިލް ފާސްކުރުމަށްކަމާއި، އެސްއޯއެފްގެ ޗެކަކުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާކަން ތަހުގީގުން އެނގެންއޮތްއިރު، އެ ވޯޓަށްފަހު ކުރީގެ ނައިބު އަހުމަދު އަދީބު އާއި މަހުލޫފް އާ ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީޚްތަކާއި ގުޅުވުމުން، މަހުލޫފްގެ އެކައުންޓަށް ޖަމާކޮށްފައިވާ އެ ފައިސާއަކީ، އަދީބު، މަހުލޫފަށް ދީފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.