ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު ދެން އޮތީ އެ ރަށްރަށުން ފާހަގަ ކުރެއްވި މައްސަލަތަކާއި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅުގެ ހަތް ރަށަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރޭ ވަނީ މާލެ ވަޑައިގަތްފަ އެވެ.

މިދަތުރުފުޅާ ބެހޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކު ވިދާޅުވީ މިއީ މާނަހުރި ތަޖުރިބާއެއް ކަމަށާއި އަދި ހަމަ އެހެންމެ މިއީ ކަންކަން ދެނެގަތުމަށް ލިބިވަޑައިގެންނެވި ފުރުސަތެއް ކަމަށެވެ. އަދި މިދަތުރުފުޅުގައި އެކި ރަށްރަށުން ރައީސް ސޯލިހާ ހިއްސާ ކުރެއްވި ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ދެން އޮތީ ބުރަކޮށް މަސައްކަތްކުރުން ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.

ރައީސް ސޯލިހު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ތިމަރަފުށި، ކިނބިދޫ، ވޭމަންޑޫ، ވަންދޫ، އޮމަދޫ، ކަނޑޫދޫ އަދި ގާދިފުށްޓަށް ވަޑައިގެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ވަނީ ބައްދަލުކުރައްވާފަ އެވެ. އަދި، މި ރަށްތަކަށް ކުރެއްވި ޒިޔާރަތްތަކުގައި ރައީސް ވަނީ އެ ރަށްރަށުގެ ބައެއް ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގެ ހާލަތު ބައްލަވާލައްވައިފަ އެވެ.

މީގެ އިތުރުން ރައީސްގެ މި ދަތުރުފުޅުގައި ވަނީ އޮމަދޫ ބަނދަރު ވެސް ހުޅުއްވައިދެއްވާފަ އެވެ.