ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު އިރުވެސް ނުލިބިހުރި ޓެކްސްޓް ފޮތްތައް މިހާރު ލިބިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިހާތަނަށް ދަރިވަރުންނަށް ހާޑްކޮޕީ ލިބިފައިނުވާ ފޮތްތައް މިހާރު މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި މި ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފޮތްތައް ނުލިބި ލަސްވެފައި ވަނީ ކޮވިޑް -19 އާ ގުޅިގެން ދަތުރުފަތުރުކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކަމަށެވެ. އަދި ހާޑް ކޮޕީ ދަރިވަރުންނަށް ނުލިބުނު ނަމަވެސް ޓެކްސްޓް ފޮތްތަކުގެ ސޮފްޓް ކޮޕީ ހުރިހާ ދަރިވަރުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވެސް އޭރު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮވިޑްގެ ސަބަބުން ދޮޅު އަހަރު ދުވަސް ވަންދެން ސްކޫލްތައް ބަންދުކޮށް އޮތުމަށް ފަހު މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ މިމަހުގެ 10 ވަނަ ދުވަހުގަ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ދެ ހަފްތާ ވީއިރު ވެސް ބައެއް ފޮތްތައް ހަމަވެފައި ނުވާތީ ސަރުކާރަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް އަންނަނީ ފާޑުކިޔަމުންނެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ފުރަތަމަ ދެ ހަފްތާ ދިޔައިރު ފޮތްތައް ހަމަ ނުވިއިރު މިދިޔަ ދިރާސީ އަހަރު ވެސް ހުރިހާ ގްރޭޑަކަށް ފޮތްތައް ހަމަވީ ކިޔެވުން ފެށިގެން ތިން ހަފްތާ ވަނިކޮށެވެ.