ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ފުލުހުން ދޫކޮށްލައިފި އެވެ.
މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު މުލީއާގެ ކައިރިއަށް ގޮސް ބޮމެއް އެބައޮތް ކަމަށް ބުނުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދެ މީހަކު ގެނެސްފައިވެ އެވެ. ނަމަވެސް އެއިން އެކަކު ވަނީ ދޫކޮށްލާފަ އެވެ.
ހައްޔަރުކޮށްފައި ވަނީ ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިން މީހާ އެވެ. އެ މީހާގެ ބަންދުގެ މުއްދަތު މީގެ ކުރިން ތިން ފަހަރެއްގެ މަތިން އިތުރުކޮށްފަ އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ބަންދުގައި ބަހައްޓަންޖެހޭ ކަމެއް ފާހަގަނުވުމުން ދޫކޮށްލާފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ ދެ މީހުންނެވެ. މި މައްސަލާގައި ބަންދުގެ މުއްދަތު އިތުރުކުރި މީހާގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރުދިނުން ނުވަތަ ބިރު ދެއްކުމުގެ ތުހުމަތާއި ބިރު ދެއްކުމާއި ދޮގު ހަބަރު ދިނުމުގެ ތުހުމަތެވެ.
ފުލުހުން ވަނީ ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑއާ އާއި އަދިވެސް އެކި ގޮތްގޮތުންދޭ އިންޒާރުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.