މާލެ ސިޓީ ކައުންސިލުގެ ކުރީގެ ޑެޕިއުޓީ މޭޔަރު އިބްރާހީމް ސުޖާއު (ކާޓިއުންސް ސުޖާ)ގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ އަލުން ކުރިމިނަލް ކޯޓުގައި ބެލުމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ދައުލަތުގެ ފަރާތުން ޝުޖާއުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމުގެ ދައުވާކުރީ، މާލޭގެ ޕްލޭނިން ގަވާއިދާ އެއްގޮތަށް 250 އަކަފޫޓުގެ ބިމުގައި އިމާރަތް ކުރުމުގެ ހުއްދަ ދެވޭނީ 6.27 މީޓަރަށް ކަމަށް ވިޔަސް، 12 މީޓަރަށް އިމާރާތެއް އެޅުމަށް ޖެނުއަރީ 15، 2014 ގައި އޭނާ ސޮއިކުރައްވައި، އިމާރާތުގެ ކުރެހުން ފާސްކުރި ކަމުގެ ލިޔުމާއި އިމާރާތް ކުރުމުގެ ހުއްދަ މީހަކަށް ދިނުމުންނެވެ.

ސުޖާގެ ފަރާތުން ކުރިމިނަލް ކޯޓުގައި ފާހަގަކުރީ މި މައްސަލާގައި އޭނާ ހުއްދަ ދިނީ މާލޭ ޕްލޭނިން ގަވާއިދު ގެޒެޓުގައި ޝާއިއުކުރުމުގެ ކުރިން ކަމަށެވެ. ކުރިމިނަލް ކޯޓުން ބުނެފައި ވަނީ އެ ގަވާއިދަށް އަމަލުކުރާކަން އެނގޭނެ އެއްވެސް ލިޔުމެއް ދައުލަތުން ހުށަހަޅާފައިނުވާ ކަމަށެވެ.

އެ މައްސަލަ ނުބެލޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ވަނީ ދައުވާ ކުރިއިރު މާލޭ ޕްލޭނިން ގަވާއިދަކީ ގެޒެޓްކޮށްފައިނުވާ އެއްޗެއް ކަމަށް ބުނެ އެވެ. އަދި އެ ގަވާއިދަކީ އަމަލު ކުރަމުންދާ ގަވާއިދެއްކަން ސާބިތުވާނެ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.

ހައި ކޯޓުން، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ މާލޭ ޕްލޭނިން ގަވާއިދަކީ އަމަލު ކުރަމުންނުދާ ގަވާއިދެއް ކަމަށް ދަށު ކޯޓުން ކަނޑައަޅާފައި މައްސަލަ ބެއްލެވި ފަނޑިޔާރު އެކަށީގެންވާ މިންވަރަށް ނުބައްލަވާ ކަމަށެވެ. އަދި އެމައްސަލަ އަލުން ކްރިމަނަލް ކޯޓުގެ މައްޗަށް ބެލުމަށް ހައި ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.