ބޮލީވުޑްއަކީ ފިލްމީ އިންޑަސްޓްރީގެ ކުޑަ އާއިލާއެއްކަމުން ގިނަ ފަހަރަށް އެއް ފިލްމަށް ވުރެ، ގިނަ ފިލްމުން ވެސް ބައެއް ތަރިންނަށް އެކުގައި މަސައްކަތް ކުރަން ފުރުސަތު ލިބެ އެވެ.
ދެ ލޯބިވެރިންގެ ގޮތުގައި އެއް ފިލްމުން ފެނިގެންދާއިރު ދެން ފެންނަ ފިލްމެއްގައި ދެބެންގެ ރޯލުން ވެސް ފެނިގެންދާ ފަހަރު އާދެ އެވެ. މަޝްހޫރު ތަރިން މިގޮތަށް ފެނިގެން ގޮސްފައިވާ ބައެއް ފަންނާނުންނަށް ބަލައިލާނަމެވެ.
އައިޝްވާރްޔާ ރާއި އަދި ބަޗަން ޝާހުރް ޚާން
ފިލްމު "ދޭވްދާސް" އާއި "މޮހައްބަތޭން" އަކީ ރީތީގެ ރާނީގެ ލަގަބު ލިބިފައިވާ އައިޝްވާރްޔާ ރާއި ބަޗަން އާއި ބޮލީވުޑްގެ ކިންގް އޮފް ރޮމޭންސް ޝާހުރް ޚާން ކުޅެފައިވާ ލޯބީގެ މަގުބޫލް ދެ ފިލްމެވެ.
މި ފިލްމުތަކުގައި ކުޅެފައިވާ ރޯލްތަކަކީ ގިނަބަޔަކު ލޯބީގެ މިސާލުގެ ގޮތުގައި ދައްކާ ރޯލްތަކެކެވެ. ނަމަވެސް މި ދެ ތަރިންގެ ފުރަތަމަ ފިލްމު "ޖޯޝް" ގައި ދެ ތަރިން ވަނީ އެއްމާބަނޑު ދެބެންގެ ރޯލްއިން ފެނިފަ އެވެ. ޚުދު ޝާހު ވެސް ވަނީ އެ މީހުންގެ ފުރަތަމަ ފިލްމުގައި އައިޝްވާރްޔާ އޭނާގެ ކޮއްކޮއެއް ގޮތުގައި ފެނިގެން ދިއުމަކީ ބޮޑު ލަދެއްކަމުގައި ބުނެފަ އެވެ.
ރަންވީރް ސިން އާއި ޕްރިޔަންކާ ޗޮޕްރާ
ރަންވީރް ސިން އާއި ޕްރިޔަންކާ ޗޮޕްރާ ވަނީ އެއް އަހަރު ތެރޭގައި ލޯބިވެރިންގެ ރޯލުންނާ ދެބެންގެ ރޯލުން ވެސް ފެނިފަ އެވެ.
ދެބެންގެ ރޯލުން 2015ވަނަ އަހަރު ކޮމެޑި ޑްރާމާ ފިލްމު ދިލް ދަޅުކަން ދޯ އިން ފެނިގެން ދިޔައިރު ހަމަ އެ އަހަރު ސަންޖޭ ލީލާ ބަންސާލީގެ ބާޖީ ރާއޯ މަސްތާނީއިން ދެމަފިރިންގެ ރޯލްއިން ވަނީ ފެނިގެން ގޮސްފަ އެވެ.
ބެލުންތެރިންނައް ކަމުދިޔައީ މިތަނުން ކޮން ފިލްމެއް ހެއްޔެވެ؟
ސަލްމާން ޚާން އަދި ޑެއިސީ ޝާހް
ސަލްމާން ޚާންވަނީ ވަރަށް ގިނަ ތަރިން ބޮލީވުޑަށް ތައާރަފްވުމަށް އެހީތެރިވެދީފަ އެވެ. މިގޮތުން ގިނަ ތަރިންނަށް ވަނީ އޭނާގެ ފިލްމުން ވެސް ފުރުސަތު ދީފަ އެވެ. މިގޮތުން ޑެއިސީ ޝާހް ވެސް މި ދާއިރާއައް ނުކުތުމަށް އެހީވުމުގެ އިތުރުން "ޖޭ ހޯ"ފިލްމުގެ ލީޑް ރޯލުން ވެސް ވަނީ ފުރުސަތު ދީފަ އެވެ.
މި ފިލްމްއިން ލޯބިވެރިންގެ ގޮތުގައި ފެނިގެން ދިޔައިރު "ރޭސް3" އިން ވަނީ ދެބެންގެ ރޯލުން ފެނިފަ އެވެ.
ދީޕިކާ ޕަޑްކޯން އާއި ޖޯން އަބްރަހަމް
2011 ވަނަ އަހަރު ނުކުތް ރޮމެންޑިކް ކޮމެޑީ ފިލްމު ދޭސީ ބޯއީސްގައި އެކުގައި ފެނިގެން ދިޔަ ދީޕިކާ ޕަޑްކޯން އާއި ޖޯން އަބްރަހަމް ވެސް އެންމެ ފަހުންފެނިގެން ދިޔައީ ދެބެންގެ ރޯލްއިންނެވެ.
2013 ވަނަ އަހަރު ނުކުތް ރޭސް2 ގައި ދީޕިކާ ވަނީ ޖޯންގެ ސްޓެޕް ސިސްޓާ އެލީނާ މަލިކްގެ ރޯލްއިން ފެނިފަ އެވެ. ޖޯން ފެނިގެން ގޮސްފައި ވަނީ އަރްމާން މަލިކްގެ ރޯލްއިންނެވެ. މިދެ ތަރިން ވަރަށް އަވަހަށް ޝާހުރުކްގެ ޕަޓާންއިން ފެނިގެންދާނެ އެވެ.
މި ފިލްމުތަކުގައި މި ގޮތަށް ތަރިން ފެނުމަކީ މަޖާ ނަމަވެސް އަޅައިގަންނަ ގޮތެއް ބަލާ މީހުންނައް ފާހަގަވާނެ ކަމެކެވެ.
ސްޓާ ޕްލަސްއިން ދައްކާ ސީރީޒް ނޫނަސް މި ފިލްމުތައް ބެލުމަށްފަހު ވެސް ބެލުންތެރިންނަށް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ހިތަށް ނާރާ ނުދާނެ އެވެ. މި ސްޓާރުންގެ ކޮން ފިލްމުތަކެއްގެ ކޮން ރޯލްއެއްކަން ބޮޑަށް ގުޅެނީ ބެލުންތެރިންނަށް ދޫކޮށްލާނަމެވެ.